ޚަބަރު
އައްޑޫ ފޭދޫގައި ފެންބޮޑުވެ 9 ގެއަކަށް ގެއްލުންވެއްޖެ
އައްޑޫގެ ގެއެއްގައި ފެންބޮޑުވެފައި / ފޮޓޯ: އެންޑީއެމްއޭ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، އައްޑޫ ސިޓީ ފޭދޫގެ 9 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ.
މޫސުން ގޯސްވެ، މެދުކެނޑުމެއްނެތި ވެހެމުންދާ ވާރޭގެ ސަބަބުން ދެކުނުގެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، މިއަދުގެ މިހާތަނަށް ފޭދޫގެ 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީން ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން ދަނީ އަވަސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން، ފެންބޮޑުވުމުގެ ސަބަބުން ކައްކައި ކައިބޮއި ހެދުމަށް ދަތިވެފައިވާ 3 ގެއެއްގައި ދިރިއުޅޭ މީހުންނަށް، ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތަށް ކެއިންބުއިމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ. އަދި 1 ގެއަކަށް ދިރިނޫޅެވޭ ވަރަށް ފެންބޮޑުވުމާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚިދުމަތް ތިން ދުވަހުގެ މުއްދަތަށް ވަނީ ހަމަޖައްސައިދީފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. މިއަދުގެ މިހާތަނަށް ސ. ފޭދޫގައި ފެންބޮޑުވެ، 9 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން، ކައްކައި ކައިބޮއި ހެދުމަށް… pic.twitter.com/1RsTSWg846
— NDMA Maldives (@NDMAmv) September 13, 2026
މީގެއިތުރުން، މި ވިއްސާރައިގައި ޏ. ފުވައްމުލަކަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ބައެއް ގޭގޭގެ ފާޚާނާ ހޮޅިތައް ބެދިގެން ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރަށުގެ ހާލަތު އާންމު ހަމައަކަށް އެޅުވުމަށްޓަކައި އެރަށުގެ ފެނަކަ ބްރާންޗާއި، ސިޓީ ކައުންސިލް އަދި އެހެނިހެން މުއައްސަސާތައް ގުޅިގެން މިހާރު ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.