ޚަބަރު
އާންމު ފަރުދުންނާ ގުޅޭ ޚިދުމަތްތަކެއް ޝަރީއާގެ ހަމަތަކުން ދިނުމަށް ބީއެމްއެލްއިން ނިންމައިފި
ބީއެމްއެލްގެ އިސްލާމިކް ބްރާންޗެއް---
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އިސްލާމިކް ފައިނޭންސް ފަސްޓް" ސްޓްރެޓެޖީގެ ދަށުން މުހިންމު ފިޔަވަޅުތަކެއް އަޅައި، އަލަށް ހުޅުވާ އަމިއްލަ ފަރުދުންގެ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސިންގ ޚިދުމަތްތައް ހަމައެކަނި އިސްލާމިކް ބޭންކިންގގެ އުސޫލުތަކުގެ ދަށުން ދިނުމަށް ނިންމައިފިއެވެ.
މިއަދުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާފައިވާއިރު، މިހާރު ކޮންވެންޝަނަލް އެކައުންޓާއި ލޯނު ނަގާފައިވާ ކަސްޓަމަރުންނަށް ވެސް ޝަރީއާގެ ހަމަތަކަށް ފަސޭހަކަމާއެކު ބަދަލުވެވޭނެ އިންތިޒާމުތައް ބީއެމްއެލްއިން ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް، ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތްތައް ބޭނުންވާ ފަރާތްތަކަށް އެދުމުން އެ ޚިދުމަތް އަދިވެސް ލިބޭނެ ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.
މި މުހިންމު ލަނޑުދަނޑިއަކީ ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ބީއެމްއެލްގެ ހުރިހާ ބްރާންޗްތަކަކީ އިސްލާމިކް ބޭންކިންގގެ ޚިދުމަތްދޭ މަރުކަޒުތަކެއްގެ ގޮތުގައި ބަދަލުކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް އެޅުނު ފިޔަވަޅެކެވެ. ބީއެމްއެލް އިސްލާމިކް ޚިދުމަތްތަކަކީ ބައިނަލްއަޤްވާމީ އިސްލާމިކް ފައިނޭންސް މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ އަދި ކަސްޓަމަރުންގެ ފައިސާ ކޮންވެންޝަނަލް ފައިސާއާ މުޅިން ވަކިކުރެވިގެން ބަލަހައްޓާ ޚިދުމަތްތަކެކެވެ.

މި ނިންމުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިންގ ތައާރަފްކުރި ފަހުން ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މި ޚިދުމަތްތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި މިއަދު މި އެޅުނު ފިޔަވަޅަކީ ރާއްޖޭގެ ބޭންކިންގ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، ބޭންކުގެ އަމާޒަކީ މުޖުތަމައުގެ ބޭނުންތަކާ އެއްގޮތަށް ޝަރީއާގެ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ލިބެންހުރި ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑާއެކު، ޝަރީއާ ހުއްދަކުރާ ގިނަ އަދަދެއްގެ އެކައުންޓް، ކާޑު އަދި ފައިނޭންސިންގ ފުރުސަތުތައް ފޯރުކޮށްދެމުން އަންނަ ބީއެމްއެލް އަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގގެ އެންމެ ކުރީ ސަފުގައި އޮތް ބޭންކެވެ. މި ބަދަލާއެކު ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.