Ads by Farudhun

ޚަބަރު

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންްގާ އެޅުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ސެޕްޓެމްބަރު 2026، 05:57

13 ސެޕްޓެމްބަރު 2026، 05:57

ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ގެ ބިންގާ މިއަދު އަޅައިފިއެވެ.

 ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން ބިންގާ އެޅި މި މިސްކިތަކީ "ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ" އެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށާއި ފައިނޭންސް ކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އަލްރާޖިޙީ ކުންފުންޏާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ބިނާ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. ގާތްގަނޑަކަށް 10,000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނޭ މި މަރުކަޒަކީ، ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން ރަމްޒުކޮށްދޭނެ ފަދަ ގޮތަކަށް ބިނާކުރެވޭ ތަނެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ އީމާންކަމާއި، ޢިލްމާއި، ވަހުދަތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެ އަގުހުރި ތަރިކައެކެވެ.

މި ބިނާގައި އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކުގެ އިތުރުން ތަޢުލީމާއި ސަޤާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްސަ މަރުކަޒެއް ހިމެނެއެވެ. މީގެއިތުރުން އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތުތައް ދައްކުވައިދޭ ޤުރުއާން ދާރުލްއާސާރެއްވެސް ޤާއިމްކުރެވޭނެއެވެ. އަދި އެގްޒިބިޝަން ހޯލަކާއި، މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލަކާއި، ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައެއްގެ އިތުރުން ގިފްޓް ޝޮޕެއްވެސް މި މަރުކަޒުގައި ހުންނާނެއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އަލްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިޙީ އާއި، ސަޢުދިއަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލް-ޤަހްތާނީ އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450