ޚަބަރު
އުފެއްދުންތެރިކަމުގެ މައުރަޒަށް 800އަށްވުރެ ގިނަ އެޕްލިކޭޝަން ހުށައަޅައިފި
2025 ވަނަ އަހަރުުގެ މައުރަޒުގެ ތެރެއިން. ފޮޓޯ:
ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ 10 ވަނަ ދުވަހު ހަމަވިއިރު، 800 އަށްވުރެ ގިނަ އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ގުނަ އިތުރު އަދަދެކެވެ.
ދައުލަތުގެ މީޑިއާގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ، ސްޓްރެޓިޖީކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީޝާ މޫސާ ވިދާޅުވީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި 8 ދާއިރާއިންވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އެންމެ ގިނަ އެޕްލިކޭޝަން ލިބިފައިވަނީ އަމިއްލަ ފަރުދުންގެ ދާއިރާއިން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރީޝާ އިތުރަށް ވިދާޅުވީ "ތަފާތު އެކި ޑިސްޓްރިކްޓްތަކުގައި ހުޅުވާލުމަށާއި މާކެޓް ޕްލޭސްގެ ޑިސްޓްރިކްތައް އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން" ކަމަށެވެ.
މައުރަޒުގައި 1000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ
ބީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ މައުރަޒުގައި ހުރިހާ ކަމެއް ހިމެނޭހެން 1000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިދިޔަ އަހަރު 5 ޑިސްޓްރިކްޓް ހިމެނުނު ނަމަވެސް، މިފަހަރު 7 ޑިސްޓްރިކްޓް ހިމެނޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީމާން ވިދާޅުވީ "މިދިޔަ އަހަރުގެ ތަޖުރިބާއާ އެކު މިފަހަރު ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްސަ ޑިސްޓްރިކްޓާއެކު ދިވެހި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރެވޭނެ ނިޒާމެއް ޤާއިމް ކުރަނީ. މިފަހަރު ވަރަށް ބޮޑަށް ވެގެންދާނެ ބައިނަލްއަޤްވާމީ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރެވޭނެ ގޮތްތަކަކީ ކޮބާތޯ ބެލުމަށާއި އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ދެނެގަތުން" ކަމަށެވެ.
ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލައި، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް ބާއްވާ މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލެވޭނެއެވެ. މިއަހަރު މައުރަޒަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް އުމުރުފުރާ ބަދަލުކުރުމެވެ.
ސަޤާފީ ވާދައިގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މި މައުރަޒުގެ ތެރެއިން ކުރިއަށްގެންދާ ސަޤާފީ ވާދައިގައި ބައިވެރިވުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ހިމެނެނީ ބަނޑިޔާ ޖެހުން، ލަނގިރި، ތާރަ ޖެހުން، ދަނޑި ޖެހުން، މާފަތި އަދި ފަތިގަނޑު ޖެހުމެވެ. މި މުބާރާތުން 1 ވަނައަށް 75،000 ރުފިޔާ، 2 ވަނައަށް 50،000 ރުފިޔާ، 3 ވަނައަށް 25،000 ރުފިޔާ އަދި އެންމެ މަޤްބޫލު ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ. މުބާރާތުގައި ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2026 އެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 25 އިން ނޮވެންބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް ކުރިއަރުވާ އާމްދަނީ އިތުރު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.