ޚަބަރު
މިދިޔަ މަހު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 58 މިލިއަން ރުފިޔާގެ މާލީ އެހީ ދޫކުރި
އެންސްޕާގެ އޮފީސް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މިދިޔަ މަހު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 58 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މާލީ އެހީ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 15،498 މީހަކަށް ޖުމްލަ 58،368،000 ރުފިޔާ ގެ މާލީ އެހީ ވަނީ ފޯރުކޮށްދީފައެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ޖުމްލަ 15،665 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި އަލަށް ރަޖިސްޓްރީވި 169 މީހުން ހިމެނެއެވެ.
ދަފްތަރުގައި ހިމެނޭ އުމުރުފުރާތަކުގެ ތަފްސީލު
ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތަފާސްހިސާބަށް ބަލާއިރު، 18 އަހަރުން ދަށުގެ 5،378 ކުދިން ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 1،640 އަންހެން ކުދިންނާއި 3،738 ފިރިހެން ކުދިންނެވެ. މީގެއިތުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،944 މީހުން ރަޖިސްޓްރީވެފައިވާއިރު، އެއީ 3،889 އަންހެނުންނާއި 4،055 ފިރިހެނުންނެވެ. އަދި އުމުރުން 65 އަހަރުން މަތީގެ 2،343 މީހުން ހިމެނޭއިރު، އޭގެ ތެރޭގައި 1،079 އަންހެނުންނާއި 1،264 ފިރިހެނުން ހިމެނެއެވެ.
މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމުގެ ދަށުން 217 ފަރާތަކަށް ޖުމްލަ 8،132،665 ރުފިޔާ ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.