Ads by Farudhun

ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 12 ބިދޭސީއެއްގެ މައްސަލަ ބަލަނީ

ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ 12 ބިދޭސީއެއްގެ މައްސަލަ ބަލަނީ

ވަޒީރު އިޙްސާން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ސެޕްޓެމްބަރު 2026، 02:37

14 ސެޕްޓެމްބަރު 2026، 02:37

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށް ފުލުހުންގެ ހޮޓްލައިނަށް ލިބުނު މައުލޫމާތުތަކަކާ ގުޅިގެން 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން ނުވަ މީހަކު މިހާރު ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ތައާރަފުކުރި ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރަށް ލިބުނު މައުލޫމާތުތަކަށް ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި ބިދޭސީން މިފަދަ ކަންކަން ކުރަނީ ދިވެއްސެއްގެ ނިވާފަތްގަނޑުގައި ކަމަށްވާނަމަ، އެ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.

ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޑިޓެންޝަނަށް މީހަކު ގެންދިއުމުން އެމީހަކު ބަލައި ދިވެހިން އަންނަ މަންޒަރު ފެންނަ ކަމަށާއި، ބިދޭސީން މަގުމައްޗަށް ދޫކޮށްލުމަށްފަހު ގާނޫނު ތަންފީޒުކުރަން ފެށުމުން ބަލައި އައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އިހުމާލުވާ ކޮންމެ ބިދޭސީއަކަށް އެމީހަކު ގެނައި ދިވެހި މީހާ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާ އެކު ނޫން. އެކަމުގެ ޒިންމާ އެބަޖެހޭ ގެންނަ މީހާ ޒިންމާވެސް ނަގަންޖެހޭ،" 

ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، ބައެއް ކަންމަތީ ފިހާރަތަކަކީ ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ހަދައިގެން ބިދޭސީން ހިންގަމުންދާ ތަންތަންކަން ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބިދޭސީންގެ މުސާރަ ދިވެހި ވިޔަފާރިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރަށް ބަދަލުކޮށްގެން ސްމަގްލް ކުރަމުންދާ ކަމަށާއި، މިފަދަ ޖިނާއީ ކުށްތަކުގައި ދިވެހިން ބައިވެރިނުވުމަށް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޮޑެތި އަދަދުތަކުން ޓީޓީ ހަދާ ބައެއް ފަރާތްތަކުން އެކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ޖޮބް ވިޔަފާރިއާއި ބިދޭސީންގެ މުސާރައިގެ ކަންކަމުގައި ބޭނުންކުރާތީ އެ މައްސަލަތައްވެސް އަންނަނީ ބަލަމުންނެވެ. ބޭންކިން ނިޒާމުން ބޭރުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ ސަބަބުން ބޭންކުތަކުގައި ބޭރު ފައިސާ މަދުވެ، މުދަލުގެ އަގު އުފުލެމުންދާތީ، ސަރުކާރުގެ އަމާޒަކީ ގާނޫނުތަކަށް އިސްލާހު ގެނެސްގެން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450