Ads by Farudhun

ޚަބަރު

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި: އެއްވަނައަށް 60،000 ރުފިޔާގެ އިނާމެއް!

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފި: އެއްވަނައަށް 60،000 ރުފިޔާގެ އިނާމެއް!

"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ބޭއްވި ހައްފްލާގެ ތެރެއިން - ފޮޓޯ: ފަންނާއި ސަގާފަތާއި ބެހޭ ވުޒާރާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

14 ސެޕްޓެމްބަރު 2026، 03:35

14 ސެޕްޓެމްބަރު 2026، 03:35

ދިވެހީންގެ މެދުގައި އޮތް ރީތި އާދަކާދަތަކާއި އިޙްތިރާމްކުރުމުގެ ސިފަ ދިރުވައި އާލާކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދަން ނިންމާފައިވާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މިއީ ދިވެހިންގެ ޤައުމީ އައިޑެންޓިޓީ ހިފެހެއްޓެވުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި މުޖުތަމަޢުން ނެތެމުންދާ ރީތި އަދަބު އަޚްލާޤާއި އާދަތައް ދިރުވައި އާލާކުރުމަށްޓަކައި 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޤައުމީ ކެމްޕޭނެކެވެ. މި މަޝްރޫޢުގެ މައިގަނޑު ޝިޢާރަކީ "އިޙްތިރާމުގެ އުފާ، މުޖުތަމަޢުގެ ނަފާ" މިއެވެ.

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުބާރާތުގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާތަކަށާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ. ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު އަދި އިޙްތިރާމް ރަމްޒުކޮށްދޭންވާނެ ކަމަށާއި، ޤައުމީ މާޙައުލާ ގުޅޭ ކުލަތައް ބޭނުންކުރުމަށް ވަނީ ޝަރުޠުކޮށްފައެވެ. އަދި ލޯގޯއަކީ ޑިޖިޓަލް މީޑިއާ އާއި ޕްރިންޓް މީޑިއާގެ އިތުރުން ބެޖާއި ޓީޝާޓް ފަދަ ތަކެތީގައިވެސް ބޭނުންކުރަން ފަސޭހަ ފަރުމާއަކަށް ވާންޖެހެއެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/60،000 (ފަސްދޮޅަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ލޯގޯ ހޮވުން ކުރިއަށްދާނީ 3 މަރުޙަލާއަކަށް ބަހާލައިގެން، ފަނޑިޔާރުންގެ މާކްސް އަދި އެސް.އެމް.އެސް ވޯޓު ހިމަނައިގެންނެވެ. އެގޮތުން ފުރަތަމަ މަރުޙަލާގައި ފަނޑިޔާރުންގެ އެންމެ މޮޅު 10 ލޯގޯ ހޮވާއިރު، ދެވަނަ މަރުޙަލާގައި ފަނޑިޔާރުންގެ 70 އިންސައްތަ އަދި އެސް.އެމް.އެސްގެ 30 އިންސައްތައާއެކު ގަދަ 5 ލޯގޯ ހޮވާނެއެވެ. އަދި އެއްވަނަ ލޯގޯ ކަނޑައަޅާނީ ފަހު މަރުޙަލާގައި ފަނޑިޔާރުންގެ 50 އިންސައްތަ އަދި އެސް.އެމް.އެސްގެ 50 އިންސައްތަ ވޯޓުންނެވެ.

މާކްސް ދިނުމުގައި ލޯގޯގެ ކޮލިޓީ އަދި ޓެކްނިކަލް ފެންވަރަށް 30 މާކްސް، އިޙްތިރާމް އަދާކުރުން ރަމްޒުކޮށްދޭ މިންވަރަށް 30 މާކްސް، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމަށް 20 މާކްސް އަދި ދިވެހިވަންތަކަމަށް 20 މާކްސް ކަނޑައަޅާފައިވެއެވެ.

މި މުބާރާތަށް ލޯގޯ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ލޯގޯގެ އޭ4 ސައިޒުގެ ޕްރިންޓަކާއި ސޮފްޓް ކޮޕީ (ޕެންޑްރައިވްގައި) އަދި ކަމާގުޅޭ އެހެނިހެން ލިޔެކިޔުންތަކާއެކު، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި 24 ސެޕްޓެންބަރުގެ މެންދުރުފަހު 14:00 ގެ ކުރިން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް (ޤައުމީ ދާރުލްއާޘާރު ބިނާ، 2 ވަނަ ފަންގިފިލާ) ހުށަހަޅަންޖެހޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި ހުށަހަޅާ ލޯގޯއަކީ މީގެކުރިން އެއްވެސް ތަނެއްގައި ބޭނުންކޮށްފައިނުވާ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭނެއެވެ.

މި މުބާރާތާ ބެހޭ އުސޫލު މިނިސްޓްރީގެ ވެބްސައިޓު (https://mach.gov.mv/dv/downloads/logorcusool) ގައި ވަނީ ޝާއިޢުކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450