ދުނިޔެ

ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަލޭންޑުން ޔޫކޭއާ ވަކިވަނީ

ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަލޭންޑުން ޔޫކޭއާ ވަކިވަނީ

ނޫސްވެރިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން---

farudhun logo

ފަރުދުން

14 ސެޕްޓެމްބަރު 2026، 07:23

14 ސެޕްޓެމްބަރު 2026، 07:23

ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގެ ތެރޭގައި ހިމެނޭ ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަލޭންޑަކީ އަމިއްލަ މިނިވަންކަމެއް އޮތް ގައުމުތަކަކަށް ވުމުގެ ޙައްޤު ހޯދުމަށް އެ ޤައުމުތަކުގެ ޤައުމީ ލީޑަރުން ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ފަށައިފިއެވެ.

މި މަސައްކަތުގެ އެންމެ މުހިންމު ބޭނުމަކީ، މި ޤައުމުތަކުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅެން ބޭނުންވުމެވެ. އެހެންކަމުން ތިން ޤައުމުގެ ލީޑަރުން އެއްބަސްވެފައި ވަނީ، އެ ޤައުމުތަކުގެ ޙަޤީޤީ މުސްތަޤްބަލު އޮތީ އީޔޫގައި ކަމަށެވެ.

މިކަމާ ގުޅިގެން ތިން ޤައުމުގެ ލީޑަރުން ވަނީ ނޫސްވެރިންނާ މަޢުލޫމާތު ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ލީޑަރުން ވިދާޅުވީ، ލަންޑަންގެ ވެސްޓްމިންސްޓަރ ސަރުކާރުގެ ބާރު ކެނޑެމުންދާ ކަމަށާއި، އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަޙަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އަދި މިއީ ޔޫކޭގެ ދުސްތޫރީ ޙަޔާތުގައި އައި ވަރަށް މުހިންމު "ތާރީޚީ ބަދަލެއް" ގެ ގޮތުގައި ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރ ސިފަކުރެއްވިއެވެ.

މި ތިން ޕާޓީންވެސް ވަނީ އެ ޤައުމުތަކުގެ ރައްޔިތުން އަމިއްލައަށް ކަންކަން ނިންމުމުގެ ޙައްޤު (ސެލްފް-ޑިޓަމިނޭޝަން) ޔޫކޭ ސަރުކާރުން ޤަބޫލުކުރުމަށް ގޮވާލާފައެވެ. އަދި ކުރިމަގުގައި އަތުވެދާނެ ދުސްތޫރީ ބަދަލުތަކަށް ޔޫކޭ ސަރުކާރުން ތައްޔާރުވެ، އެކަމަށް އެއްބާރުލުން ދިނުމަށްވެސް ވަނީ އެދިފައެވެ.

މި ތިން ޕާޓީގެ ވިސްނުން އެއް މިސްރާބަކަށް ހުރި ނަމަވެސް، ޤައުމުތަކުގެ މުސްތަޤްބަލާމެދު ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް އެބަހުއްޓެވެ. ތަފާތުތައް ހުރި ނަމަވެސް، ތިން ޤައުމުގެ އަޑު އިއްވުމުގައި ގުޅިގެން މަސައްކަތް ކުރުމަށް ލީޑަރުން ވަނީ އިއްތިފާޤުވެފައެވެ.

ލީޑަރުން ސޮއިކުރެއްވި ފަހުމުނާމާގެ ދަށުން، ވަރުގަދަ އަދި އިންޞާފުވެރި އިޤްތިޞާދެއް ބިނާކުރުމަށާއި، ހަކަތައިގެ ވަސީލަތްތައް ތަރައްޤީކުރުމަށް ގުޅިގެން މަސައްކަތްކުރާނެއެވެ. އަދި މި އެއްބަސްވުމުގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މި ޤައުމުތަކުގެ މުސްތަޤްބަލު ގުޅިފައިވަނީ ޔޫރަޕިއަން ޔޫނިއަނާ ކަމެވެ.

މި ބައްދަލުވުމުގައި ސިން ފެއިންގެ ލީޑަރު މޭރީ ލޫ މެކްޑޮނަލްޑްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ މިއީ އަމިއްލަ މުސްތަޤްބަލު އަމިއްލައަށް ކަނޑައެޅުމުގެ ޙައްޤު އެންމެން އެކުގައި އިޢުލާންކުރި ތާރީޚީ ވަގުތުކޮޅެއް ކަމަށެވެ.

ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ނެގުނު ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ 53 އިންސައްތަ މީހުން އަލުން އީޔޫއާ ގުޅުމަށް ތާއީދުކުރެއެވެ. އަދި ލޭބަރ، ލިބަރަލް ޑިމޮކްރެޓް އަދި ގްރީން ޕާޓީގެ ސަޕޯޓަރުންގެ މެދުގައި މި ތާއީދު ވަނީ 80 އިންސައްތައަށްވުރެ މައްޗަށް އަރާފައެވެ.

މި ހުރިހާ ބަދަލުތަކާއެކު، ސްކޮޓްލޭންޑް، ވޭލްސް އަދި ނޮދަން އަޔަލޭންޑުން ދަނީ އެ ޤައުމުތަކުގެ މުސްތަޤްބަލު ޔޫކޭގެ ކިބައިން ވަކިކޮށް އަމިއްލަ މަގު އިޚްތިޔާރުކުރުމަށް ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450