ޚަބަރު
ޓީޓީ ހަދާތާ އަހަރެއްވާއިރު ވެސް މުދާ ރާއްޖެ ނާދޭ: ވަޒީރު އިޙްސާން
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން / ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމަށްޓަކައި އެޑްވާންސް ފައިސާގެ ގޮތުގައި ފޮނުވާ ޓީޓީތަކަށް އަހަރެއް ވެގެންދާއިރު ވެސް އެ މުދާ ރާއްޖެއަށް ނާންނަކަން ފާހަގަކުރެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ޓީޓީތަކާ ގުޅޭ މުދާ ރާއްޖެއަށް ނުގެންނަކަން ހާމަވެގެންދިޔައީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ވެފައިވާ ފަހުމުނާމާ (އެމްއޯޔޫ) އެއްގެ ދަށުން ކުރެވުނު މަސައްކަތްތަކުން ކަމަށެވެ. އެގޮތުން ބޭންކާއި ކަސްޓަމްސް ގުޅިގެން ޓީޓީތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމުން، ގިނަ ޢަދަދެއްގެ ޓީޓީތަކަށް މުދާ އެތެރެކޮށްފައި ނުވާކަން އެނގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ޓީޓީ ހަދައިގެން ވެސް މުދާ ނާންނަ ބައެއް ހާލަތްތަކުގައި އެކަން ކުރާ ފަރާތްތަކުން ބުނަނީ އެއީ ކުރިން ގެނެސްފައިވާ މުދަލަށް ދައްކަންޖެހޭ ބާކީ ފައިސާ ނުވަތަ "ބެލެންސް ޕޭމަންޓް" ކަމަށެވެ. ނަމަވެސް، އެގޮތަށް ބުނެ ހުށަހަޅާ އިންވޮއިސްތަކުގައިވާ މުދާ ވެސް އެއްވެސް އިރެއްގައި ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
މިއަށް ކިޔަނީ ޓްރޭޑް ބޭސްޑް މަނީ ލޯންޑްރިންނޭ، މިހާރު އެބަ ފާހަގަ ކުރެވޭ އަޅުގަނޑުމެންނަށް ޑްރަގް ވިޔަފާރިކުރުމުގަ އާއި ބިދޭސީންގެ މުސާރަ ބޭރަށް ފޮނުވުމުގައާ މި ކަންކަމުގައި މި ރޫޓް ބޭނުން ކުރަމުން އަންނަކަން.
އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ މައްސަލަތަކަކީ ވިޔަފާރީގެ ނަމުގައި ހިންގާ މަނީ ލޯންޑްރިންގެ ޢަމަލުތަކެއްގެ ގޮތުގައި ބަލައި، ޖިނާއީ ތަހުގީގެއް ހިންގުމަށްފަހު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއް ކަމަށެވެ.
މީގެއިތުރުން، ޤާނޫނުތަކާއި ޤަވާޢިދުތަކަށް އެންމެހައި ފަރާތްތަކުން ވެސް ފުރިހަމައަށް ބޯލަނބަން ޖެހޭނެ ކަމަށާއި، މީގެ ކުރިން ޤާނޫނެއް ހަރުދަނާކޮށް ތަންފީޒު ނުކުރެވި އޮތުމަކީ އެއީ ކުށުގެ ޢަމަލުތަކަށް އަރައިގަތުމަށް ލިބޭ ހުއްޖަތެއް ނުވަތަ ފުރުޞަތެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް ވެސް ވަޒީރު އިޙްސާން ވިދާޅުވިއެވެ.