Ads by Farudhun

ޚަބަރު

އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކަށް ފައިނޭންސް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އިންފްރާސްޓްރަކްޗަރގެ މަޝްރޫޢުތަކަށް ފައިނޭންސް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ފައިނޭންސް އާއި އެސް.އެފް.ޑީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ބައްދަލުކުރެއްވުން / ފޮޓޯ: ފައިނޭންސް މިނިސްޓްރީ

farudhun logo

ފަރުދުން

14 ސެޕްޓެމްބަރު 2026، 10:25

14 ސެޕްޓެމްބަރު 2026، 10:25

ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.މ.ޝ.ޢ) ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދު އާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

އެސް.އެފް.ޑީގެ ސީ.އީ.އޯ، މިނިސްޓަރ ޙަސަން ޒަރީރުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ތަރައްޤީގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޒަރީރު ވަނީ އެސް.އެފް.ޑީއިން ޒަމާނުއްސުރެ ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް، އެ ފަންޑުން ވަނީ ރާއްޖޭގެ 14 މަޝްރޫޢަކާއި ޕްރޮޖެކްޓްތަކަށް ޖުމްލަ 17 ލޯނު ދޫކޮށްފައެވެ. މި އެހީތަކުގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވާކަން ފާހަގަކޮށްލެވެއެވެ.

އެސް.އެފް.ޑީގެ އެހީތެރިކަން މައިގަނޑު ގޮތެއްގައި ފޯރުކޮށްދީފައިވަނީ ދަތުރުފަތުރާއި، ޞިއްޙީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތަކަށެވެ. އެގޮތުން، އެ ފަންޑުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ވެދީފައެވެ.

1974 ވަނަ އަހަރު ޤާއިމުކުރެވުނު ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) އަކީ ބައިނަލްއަޤްވާމީ ތަރައްޤީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން މަސައްކަތްކުރާ މައި އިދާރާއެވެ. މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެއްބާރުލުން ދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450