ޚަބަރު
ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިއްޖެ
މި މަޝްރޫއުގެ ތެރެއިން. ފޮޓޯ: އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރެއިން ޅ. ހިންނަވަރު ކައުންސިލު އިމާރާތުގެ 44 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޅ. ހިންނަވަރު ކައުންސިލް އޮފީސް ޢިމާރާތާއި ގުޅޭ އަދާހަމަ ހިއްސާކުރެއްވުމަށް އެ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި މަޝްރޫއުގައި މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ސިމެންތިޖެހުމާއި ވަށާ ފާރުގެ މަސައްކަތް ކަމަށެވެ.
މިއީ ސަރުކާރުން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށްވާއިރު، މި މަޝްރޫއުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
55 ކައުންސިލް އޮފީސް ޢިމާރާތް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރަމުންދާ ޅ. ހިންނަވަރު ކައުންސިލް އޮފީސް ޢިމާރާތް pic.twitter.com/VCxQt62clx
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) September 14, 2026
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެ ތަންތަން ކައުންސިލްތަކާއި ހަވާލުކުރާނީ، ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއި ވެސް އެކުގައި ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ރަށްރަށުގެ ކައުންސިލް އިދާރާތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ. މި މަޝްރޫއުގެ ދަށުން 105 ރަށެއްގައި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ އާރް.ސީ.ސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލުގެ މަސައްކަތެވެ.