Ads by Farudhun

ޚަބަރު

ރައީސް މުއިއްޒަކީ މަޑުމައިތިރި، ނަމަވެސް ވަރުގަދަ މެސެޖުތަކެއް ދެއްވާ ލީޑަރެއް: މެލޭޝިއާގެ ބޮޑުވަޒީރު

ރައީސް މުއިއްޒަކީ މަޑުމައިތިރި، ނަމަވެސް ވަރުގަދަ މެސެޖުތަކެއް ދެއްވާ ލީޑަރެއް: މެލޭޝިއާގެ ބޮޑުވަޒީރު

މެލޭޝިއާގެ ބޮޑުވަޒީރު - ފޮޓޯ: ރައީސް އޮފީސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

15 ސެޕްޓެމްބަރު 2026، 04:46

15 ސެޕްޓެމްބަރު 2026، 04:46

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އިންސާނީ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ވަކާލާތު ކުރައްވާ، އަދަބުވެރި އަދި މަޑުމައިތިރި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ދެއްވާ މެސެޖުތަކަކީ ނުހަނު ވަރުގަދަ މެސެޖުތަކެއް ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރައީސް ޑރ. މުޢިއްޒަށް މިފަދައިން ތައުރީފު ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދެ ޤައުމުގެ ވެރިން އެކުގައި ބޭއްވެވި ގުޅިފައިވާ ޕްރެސް ކޮންފަރެންސްގައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު އަންވަރު އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މަސްރަޙުގައި ރާއްޖެއާއި މެލޭޝިއާއިން ގެންގުޅެނީ ވަރަށް ބޮޑަށް އެއްގޮތް ޚާރިޖީ ސިޔާސަތެކެވެ. ޚާއްޞަކޮށް ފަލަސްޠީނުގެ މައްސަލައަކީ ދެ ޤައުމުގެ ރައްޔިތުންގެ ހިތްތަކާ ވެސް ވަރަށް ޚާއްޞަ ގޮތެއްގައި ގުޅިފައިވާ އަސާސީ މައްސަލައެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އަދި ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ޤަތުލުޢާންމުތަކާ ގުޅިގެން ހުޅަނގުގެ ބާރުތަކުން ގެންގުޅޭ ދެފުށްދެކެހެރި ސިޔާސަތަށް ފާޑުވިދާޅުވަމުން އަންވަރު ވިދާޅުވީ، އެހެން ކަންކަމުގައި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ވާހަކަ ދައްކާ ފަރާތްތަކުން ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަނެގެން އުޅޭ މައްސަލައިގައި އަޑުއުފުލަން ފަސްޖެހި ލޯމަރާލައިގެން ތިބި ކަމަށެވެ.

ފަލަސްޠީނުގެ ޙައްޤުގައި ރައީސް ޑރ. މުޢިއްޒާއި ދިވެހި ސަރުކާރުން ސާބިތުކަމާއެކު ނަންގަވާފައިވާ ހަރުދަނާ ސްޓޭންޑަށް ޝުކުރު އަދާކުރައްވަމުން އަންވަރު ވިދާޅުވީ، ރައީސް މުޢިއްޒު ތަމްސީލު ކުރައްވަނީ ބުއްދިއާއި އިންސާނީ ޒަމީރުގެ އަޑު ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މައިދާނުގައި މި މައްސަލައިގައި ދެ ޤައުމު ގުޅިގެން ކުރެވެން އޮތް އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

"އަޅުގަނޑުމެންގެ ހިތްތަކާ އެންމެ ބޮޑަށް ގުޅިފައިވަނީ ފަލަސްތީނުގެ މައްސަލަ. ޣައްޒާގައި ކޮންމެ ދުވަހަކު ހިންގާ ގަތުލުއާންމުތަކާއި ހަލާކުކުރުންތަކަކީ އެހެން ތަންތަނުގައި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ވާހަކަދައްކާ ފަރާތްތަކުން ލޯމަރާލައިގެން ތިބޭ ކަންކަން. އަޅުގަނޑުމެން އެންމެން ވެސް އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަކުރިން. އެކަމަކު ފަލަސްތީނުގެ ބިންތައް އިސްރާއީލުން އިސްތިއުމާރު ކުރަމުންދާ މައްސަލައިގައި، އެކަމާ ދެކޮޅަށް ވާހަކަދައްކަން ގިނަ ބަޔަކު ތިބީ ފަސްޖެހިފައި."

 އަންވަރު ވިދާޅުވިއެވެ.

މީގެއިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ނާޒުކު ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެފައިވާ ވަޢުދުތައް ފުއްދުމަށް ބާރުއެޅުމުގައި ރާއްޖެއާއެކު މެލޭޝިއާ ސާބިތުވެ އޮންނާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އިސްލާމީ އުންމަތުގެ ޙައްޤުތަކާއި މަސްލަޙަތު ހިމެނޭ މުހިންމު ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ހިތްވަރާއި ލީޑަރޝިޕަކީ މުޅި ދުނިޔެއަށް ވެސް ހުރި ފުރިހަމަ ނަމޫނާއެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450