ޚަބަރު
އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
އދ. ދަނގެތީ ބަނދަރު ބޮޑުުރުމުގެ މަޝްރޫޢު. ފޮޓޯ: އެމްޓީސީސީ
އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މި މަސައްކަތަށް ބޭނުންވާ އިތުރު ތަކެތި ސައިޓަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެތެރެތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބޭނުންވާ 50 ބްލޮކާއި 40 އެންކަރ ރޮޑް ދާދިފަހުން ވަނީ ސައިޓަށް ގެންގޮސްފައެވެ. މީގެއިތުރުން، ބޭރުތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ސައިޓުގައި މިހާރު ދަނީ ހަލުވިކަމާއެކު ކުރެވެމުންނެވެ.
މަޝްރޫޢުގެ މުހިންމު ތަފްޞީލުތައް
ޖުމްލަ 71.16 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދަނގެތީގެ އިޤްތިޞާދާއި ފަތުރުވެރިކަމުގެ އިތުރުން ޞިނާޢީ ދާއިރާ ފުޅާކުރުމަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމުގެ 69,500 ކިއުބިކް މީޓަރުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ 33,600 ކިއުބިކް މީޓަރުގެ މަސައްކަތުގެ އިތުރުން މޫދަށް އެރޭ ސަރަޙައްދު ފުންކުރުމުގެ 7,800 ކިއުބިކް މީޓަރުގެ މަސައްކަތް ހިމެނެއެވެ. އަދި ރަށުގެ ޞިނާޢީ ސަރަޙައްދު ބަދަލުކުރުމަށްޓަކައި 35,500 ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން، 675 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 389 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ އިތުރުން، 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރު ސަރަޙައްދުގައި 3,052 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، މަގުބައްތި އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.