Ads by Farudhun

ޚަބަރު

އޮގަސްޓް މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 91 މައްސަލައާއި ގެވެށި އަނިޔާގެ 50 މައްސަލަ ރިޕޯޓުކޮށްފި

އޮގަސްޓް މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 91 މައްސަލައާއި ގެވެށި އަނިޔާގެ 50 މައްސަލަ ރިޕޯޓުކޮށްފި

ކުޑަކުދިންނަށް ކުރާ އަނިޔާގެ 91 މައްސަލައެއް އޮގަސްޓް މަހު ހުށައަޅައިފައިވޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2026، 01:26

16 ސެޕްޓެމްބަރު 2026، 01:26

2026 ވަނަ އަހަރުގެ އޮގަސްޓް މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އޮގަސްޓް މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 91 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންގެ 53 މައްސަލައަކާއި ފިރިހެން ކުދިންގެ 38 މައްސަލައެކެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 32 މައްސަލަ (ފިރިހެން ކުދިންގެ 18 އަދި އަންހެން ކުދިންގެ 14) ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ޖިންސީ ހާނިއްކައިގެ 20 މައްސަލައާއި، ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ފެނުމުގެ 10 މައްސަލަ، ގަނާކުރުމުގެ 08 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 04 މައްސަލަ އަދި ބްލެކްމެއިލް ކުރުމާއި ފުރައްސާރައިގެ މައްސަލަތައް ވެސް ހިމެނެއެވެ.

މީގެ އިތުރުން ކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް (ގެއިން ނިކުމެގެން ދިއުމުގެ 04 މައްސަލަ ހިމެނޭހެން) އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި 04 މައްސަލައެއްވެސް މި މުއްދަތުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި އަންހެނުންނާ ގުޅޭ 45 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 05 މައްސަލަ ހިމެނެއެވެ. އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ 19 މައްސަލައާއި ނަފްސާނީ ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 15 މައްސަލައެވެ. ހަމައެއާއެކު، ޢާއިލީ މައްސަލަތަކާ ގުޅޭ 36 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި ކުދިންނާ ބައްދަލުކުރުމުގައި ދިމާވާ 19 މައްސަލައަކާއި ހަޟާނާގެ 12 މައްސަލަ ހިމެނެއެވެ.

އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 13 މައްސަލައެއް އޮގަސްޓް މަހު ހުށަހެޅިފައިވާއިރު، 2026 އޮގަސްޓް 31 ގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 151 ކުދިން (89 ފިރިހެން ކުދިން އަދި 62 އަންހެން ކުދިން) ތިބި ކަމަށް ވުޒާރާއިން ހާމަކުރެއެވެ. އަދި މި މަހުގެ ތެރޭގައި 02 ކުއްޖަކު ފޮސްޓަރިން އާއިލާތަކާ ހަވާލުކުރެވި، އިތުރު 02 ކުއްޖަކު ވަނީ އާއިލާތަކާ ރީއިންޓިގްރޭޓް ކުރެވިފައެވެ.

އޮގަސްޓް މަހު މިނިސްޓްރީގެ ހެލްޕްލައިންތަކަށް ޖުމްލަ 2,467 ކޯލު ލިބިފައިވާއިރު، އޭގެ ތެރޭގައި ޗައިލްޑް ހެލްޕްލައިން 1412 އަށް ލިބުނު 2,003 ކޯލާއި ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ލިބުނު 464 ކޯލު ހިމެނެއެވެ. އަދި ވުޒާރާއިން ވަނީ 229 ފަރާތަކަށް ކައުންސިލިން ސެޝަން، 14 ފަރާތަކަށް ޕޭރެންޓިން ސެޝަން އަދި 05 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450