Ads by Farudhun

ޚަބަރު

މިދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިންވަރު ދަށަށް ހިނގައްޖެ

މިދިޔަ ހަފުތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރި މިންވަރު ދަށަށް ހިނގައްޖެ

ހިމަބިހީގެ ކޭސްތައް ދަނީ މަދުވަމުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 ސެޕްޓެމްބަރު 2026، 01:59

16 ސެޕްޓެމްބަރު 2026، 01:59

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހީގެ 5 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މި އައު ކޭސްތަކާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 269 އަށް އަރާފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލާފައިވީ ނަމަވެސް، ބައެއް ދުވަސްވަރު މި ބަލީގެ ކޭސްތައް ފެންނަމުންދެއެވެ. މިގޮތުން ފުރަތަމަ ކޭސް ފެނުމާއެކުވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، އެފަރާތްތަކާ ބައްދަލުވި މީހުން ހޯދައި ވެކްސިން ދިނުމުގެ އިތުރުން، އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، މި ފިޔަވަޅުތަކާއެކު މިހާރު ބަލި ޖެހިގެން ރިޕޯޓު ކުރާ މިންވަރު ދަށްވާން ފަށާފައިވާ ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 16,368 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

އެޗްޕީއޭއިން ވަނީ ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ފަރުވާ ހޯދުމަށް ޞިއްޙީ މަރުކަޒުތަކަށް ދާއިރު އަދި ހުމާއި ރޯގާގެ އަލާމާތެއް ހުރެގެން އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރާއިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. މީގެއިތުރުން، ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓު ކުރުމަށްފަހު ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށާއި، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450