ޚަބަރު
ކުރީ ސަރުކާރުން އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި
ބްރޭކިންގ ނިއުސް
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ކުރީގެ ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނު، މި ސަރުކާރުން އެއްކޮށް ދައްކައި މިއަދު ޚަލާސްކޮށްފިއެވެ. މިއީ ދައުލަތުގެ ބަޖެޓު ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2019 ވަނަ އަހަރު ތިން ފަހަރެއްގެ މަތިން ޓްރެޝަރީ ބިލްގެ ގޮތުގައި ނަގާފައިވާ ދަރަންޏެކެވެ.
ދަރަނި ދެއްކުމުގެ ތަފްސީލު
މި ލޯނުގެ ތަފްސީލަށް ބަލާއިރު، 2019 ވަނަ އަހަރުގެ މާރިޗު 17 ގައި 50 މިލިއަން ޑޮލަރު، ޖޫން 26 ގައި 50 މިލިއަން ޑޮލަރު އަދި އޮކްޓޫބަރު 1 ގައި 50 މިލިއަން ޑޮލަރު ވަނީ ނަގާފައެވެ. މީގެ ކުރިން މޭ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، 2020 އިން 2023 އަށް ކުރީގެ ސަރުކާރުން އައީ މި ދަރަނި އަނބުރާ ދެއްކުން ފަސްކުރަމުންނެވެ.
ނަމަވެސް، މި ސަރުކާރުން ވަނީ މީގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު 7 ޖަނަވަރީ 2024 ގައި ދައްކައި، ދެވަނަ 50 މިލިއަން ޑޮލަރު މޭ މަހު ދައްކައި، އަދި ބާކީ އޮތް ފަހު 50 މިލިއަން ޑޮލަރު މިއަދު (17 ސެޕްޓެމްބަރު) ދައްކައި މުޅި ދަރަނި އެއްކޮށް ނިންމާލާފައެވެ.
ދަރަނި އަދާކުރުމަށް 1.3 ބިލިއަން ޑޮލަރު ހޭދަކޮށްފި
ސަރުކާރުން ދަރަނިތައް ދައްކަމުންދަނީ އިތުރު ދަރަންޏެއް ނެގުމަކާ ނުލާ ކަން ފާހަގަކުރައްވަމުން، މާލީކަންކަމާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވި ގޮތުގައި މިހާތަނަށް ދަރަނި އަދާކުރުމަށް ޖުމްލަ 1.3 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ. މީގެ ތެރޭގައި މިއަހަރުގެ އެޕްރީލް 2 ގައި ދެއްކި 500 މިލިއަން ޑޮލަރުގެ ސުކޫކުވެސް ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއްފަހަރާ ދެއްކި އެންމެ ބޮޑު ދަރަންޏެވެ.
މި ސަރުކާރުން ދައްކާފައިވާ ދަރަނީގެ އަދަދު ނިމިދިޔަ ދެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ މުއްދަތާ އަޅާބަލާއިރު އިތުރުކަން ސަރުކާރުން ފާހަގަކުރެއެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގައި ދެއްކެވީ 191 މިލިއަން ޑޮލަރެވެ. އަދި ރައީސް ޞާލިޙުގެ ސަރުކާރުގައި ދެއްކެވީ 428 މިލިއަން ޑޮލަރެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި ދަރަނިތައް ދެއްކުމަށްޓަކައި ދައުލަތުގެ ރިޒާވުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ވަނީ ބޭނުންކޮށްފައެވެ.