ޚަބަރު
ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް އެގްރިބޯޓުގެ ދަތުރުތައް ފަށައިފި
އެގްރިބޯޓު / ފޮޓޯ: އެގްރޯނެޓް
ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށަށާއި މާލޭގެ ބާޒާރަށް ފަސޭހަކަމާއެކު ގެނެސްދިނުމަށްޓަކައި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބަނދެފައިވާ "އެގްރިބޯޓު" ގެ ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.
މި ބޯޓުގެ އެންމެ ފުރަތަމަ ދަތުރު އަމާޒުކޮށްފައިވަނީ ހައްދުންމައްޗަށެވެ. އެގޮތުން ހައްދުންމަތީގެ ދަނޑުވެރިން އުފައްދާފައިވާ ތަކެތި ބަރުކޮށްގެން، މި ހިނގާ މަހުގެ 21 ވަނަ ދުވަހު އެގްރިބޯޓު އެނބުރި މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރަތަމަ ދަތުރުގައި ހައްދުންމަތިން މާލެއަށް ގެނައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 11,200 ކިލޯގްރާމްގެ ދަނޑުވެރިކަމުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ހައްދުންމަތީ ގަމުގެ ދަނޑުވެރިން ހައްދާފައިވާ ކަރާ، ބަރަބޯ، ޕެޝަން ފްރުޓް، ފަޅޯ އަދި ކިއުކަމްބާ ހިމެނެއެވެ.
އެގްރިބޯޓުގެ އޮޕަރޭޝަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި މަސައްކަތްކުރާ ދަނޑުވެރިންގެ އުފެއްދުންތައް، ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއްގެ ތެރެއިން މާލޭގެ ބާޒާރަށް ގެނެސްދިނުމާއެކު، ދަނޑުވެރިންގެ ބާޒާރު ތަރުތީބުކޮށް މި ވިޔަފާރި އިތުރަށް ފުޅާކުރުމެވެ.
އެގްރޯނެޓުން އިސްނަގައިގެން ފެށި މި މުހިންމު މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތައް ފުރިހަމަ ކުރެއްވުމަށްޓަކައި އެ ކުންފުންޏާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ ބޮޑު ޕްރޮގްރާމެއްގެ ބައެކެވެ. ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި، ރާއްޖޭގައި ދަނޑުވެރިކަންކުރާ ހުރިހާ ރަށެއްގެ ދަނޑުވެރިންނާ އެކު، ދަނޑުވެރިން ހައްދާ ތަކެތި ގަތުމުގެ އެއްބަސްވުންތައް ޤާއިމުކުރުން ހިމެނެއެވެ.
މީގެ އިތުރުންވެސް، ރާއްޖޭގެ ކާނާގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރު ކުރުމުގެ ގޮތުން ހައްދުންމަތީ ބަރެސްދޫގައި ފުޑް ސެކިއުރިޓީ މަޝްރޫޢެއް ހިންގުމާއި، އަރިއަތޮޅު އުތުރުބުރީ އަރިއަދޫގައި ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް ހިންގުން ހިމެނެއެވެ. ހަމައެއާއެކު، ތިލަދުންމަތީ އުތުރުބުރީ މުލިދޫގައި، ދަނޑުވެރިކަމުގެ ހަކަތައިގެ ބޮޑު މަޝްރޫޢަކާ ގުޅުވައިގެން، އެގްރި ޓޫރިޒަމްގެ ވިޔަފާރި ފެށުމަށްވެސް އެގްރޯނެޓުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.