ޚަބަރު
ބާރަށު މިސްކިތުގެ ކޮލަމްތަކުގެ މަސައްކަތް ފަށައިފި
ބާރަށު މިސްކިތުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: އެމްޓީސީސީ
ހއ. ބާރަށުގައި އަލަށް ތަރައްޤީކުރަމުން އަންނަ މިސްކިތުގެ ކޮލަމްތަކުގެ ކޮންކްރީޓް މަސައްކަތް ފަށާފައިވާކަމަށް ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މި މަޝްރޫޢުގެ ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ބާރަށުގައި ޢިމާރާތްކުރާ މި މިސްކިތުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، ފުރިހަމަ ވުޟޫކުރާ ބައެއްގެ އިތުރުން ރީތި މުންނާރަކާއި ވަށާފާރުގެ މަސައްކަތް ނިމިފައި ހުންނާނެ ކަމަށެވެ. އަދި މިސްކިތުގެ ގޯތިތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ލޭންޑްސްކޭޕިންގގެ މަސައްކަތްތައް ވެސް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ޚަރަދު ކުޑަކުރުމާއި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ ގޮތުން މި މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ދީނީ ބިނާތައް ތަރައްޤީކުރުމަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ބާރަށުގެ ރައްޔިތުންނަށް ނަމާދުކުރުމަށް އެކަށީގެންވާ ޖާގަ ތަނަވަސް ޒަމާނީ މިސްކިތެއް ލިބިގެންދާނެއެވެ.