ޚަބަރު
ޤިޔާމަތްދުވަހުން މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން ސުވާލުކުރެވޭނެ: ޚުޠުބާ
އިސްލާމީ މަރުކަޒުގެ މުންނާރު---
މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ ސުވާލުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ދިވެހިރާއްޖޭގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ މާލީ މުޢާމަލާތްތަކާއި މުދާ ހޭދަކުރުމުގައި އިސްލާމީ ހަމަތައް ހިފެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މުދަލުން ހޭދަކުރުމުގައި އިޤުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެވެ. އެގޮތުން މުދާ ހޭދަކުރުމުގައި އިސްރާފުނުކުރުމަށާއި، ދަހިވެތިނުވެ މެދުމިންކަން ޚިޔާރުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
"އަދި އެއުރެންނީ، އެއުރެން ހޭދައެއްކޮށްފި ނަމަ އިސްރާފުނުކުރާ، އަދި މުށްބާރު ވެސް ނުކުރާ، އަދި އެ ދެމެދުގައި މެދުމިންވެ ތިބޭ މީހުންނެވެ."
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެއް ކަމަށާއި، އިސްރާފުކުރުމަކީ އަތްމަތި ދަތިވެ ފުން އަނދަވަޅަކަށް ވެއްޓޭނޭ ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ.
މީގެއިތުރުން، އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ ބަލިމަޑުކަމާއި، އަތްމަތި ދަތިވުން ފަދަ ކުއްލި ކަންކަމުން ރައްކާތެރިވެ، ސަލާންޖެހުމުން ދުރުހެލިވުމަށްޓަކައި މުސްތަޤުބަލަށް ފައިސާ ރައްކާކުރުމަކީ ނުހަނު މުހިންމު ކަމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ.
މިއަދުގެ މުޖުތަމަޢުގައި ބޭނުމެއް ނެތި، ނުވަތަ އަދާކުރެވޭނޭ ގޮތެއް ނެތި ދަރަނި ނެގުމުގައި ޙައްދުފަހަނަޅައި ދިޔުމުގެ މައްސަލައަކީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެއްކަން ފާހަގަކުރަމުން، ދަރަންޏާ މެދު ސަމާލުވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. ދަރަންޏާ ގުޅޭގޮތުން ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. "މުއުމިނު އަޅާގެ ދަރަނި އަދާކުރެވިއްޖައުމަށްދާންދެން، ވަކިގޮތެއް ނުނިމި އޭނާގެ ނަފުސަށް ލިބެންވާ ނިޢުމަތްތައް ހިފެހެއްޓިގެންވެއެވެ." ދަރަންޏަކީ ބޮލުގައި އެޅޭ އަމާނާތަކަށް ވުމުން، ދަރަނި ނަގަންވާނީ ކޮންމެހެން ބޭނުންވެ، އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށާއި، އަދި ރިބާ ހިމެނޭ އެންމެހައި މުޢާމަލާތްތަކުން ދުރުހެލިވުމަކީ ވާޖިބެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ހަމައެއާއެކު، ގަނެވިއްކުމާއި، ކުއްޔަށްދިނުން ފަދަ އެންމެހައި މާލީ އެއްބަސްވުންތަކަށް އިޙުތިރާމުކޮށް ވަފާތެރިވުމަކީ މުއުމިނުންގެ މަތިވެރި ސިފައެއް ކަމަށް ބަޔާންކުރިއެވެ. އަދި މުދާ ހޭދަކުރަންޖެހޭ އެންމެ މުހިންމު އެއް ދާއިރާއަކީ ތިމާ ބަލަހައްޓަންޖެހޭ އަނބިދަރީން ކަމަށާއި، އެމީހުންނަށް އަބުރުވެރިކަމާއެކު އުޅެވޭނެ މިންވަރަށް ޚަރަދުބަރަދު ދިނުމަކީ ވާޖިބެއް ކަމަށް ހަނދާންކޮށްދިނެވެ. މިގޮތުން ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ މީހަކު ޚަރަދުދީ ބަލަހައްޓާން ޖެހޭ މީހުންނަށްދޭން ޖެހޭ ކާބޯތަކެތި ނުދީ ހިފެހެއްޓުން، އެ މީހަކަށް ފާފައަކަށް ފުދެއެވެ."
ޚުޠުބާ ނިންމާލަމުން، މާލީ މުޢާމަލާތްތައް ހަރުދަނާކުރުމަކީ ޢާއިލާއާއި މުޖުތަމަޢު ބަދަހިވާނޭ ކަމެއް ކަމަށާއި، އެންމެހައި މާލީ ކަންކަމަކީ ﷲ ގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި ހަދައި، ޢަދުލުވެރިކަމާއެކު ހޭދަކޮށް، އިސްރާފާއި ނުބައްދަލު ދަރަނިތަކުން އެއްކިބާވުމަށް ނަޞޭޙަތްތެރިވިއެވެ.