ޚަބަރު
ޕީއެންއެފްގެ ތުހުމަތުތައް އީސީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަމާޒުކޮށް ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް، އެކަން އެ ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އީސީން މިކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި ޢާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.
އެހެންކަމުން، މި މައްސަލައަށް ދާއިމީ އަދި ހަރުދަނާ ޙައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން މަޝްވަރާކޮށް، އެއިރެއްގެ ޙާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާޙީ ބަދަލުތައް ގެނެސްފައިވާކަމަށް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެގޮތުން، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް 'އީ-ފާސް' ތަޢާރަފްކުރެވުމާއެކު، މި ނިޒާމު ވެގެން ގޮސްފައިވަނީ ޢާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ކަމަށް އީސީން ވިދާޅުވިއެވެ. އަދި މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިޚްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އީސީން އިތުރަށް ވިދާޅުވީ، ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުޢާމަލާތެއް ކަމަށެވެ. މިއީ އިތުރު ފަރާތެއްގެ ބައިވެރިވުމެއް ނެތި، ފަރުދީ މިނިވަންކަމާއި އިޚްތިޔާރުގެ ތެރެއިން ނިންމޭ ނިންމުމެއްކަން ފާހަގަކުރައްވައި ކޮމިޝަނުން ވިދާޅުވީ، މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ އީސީއަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން، ޙަޤީޤަތް އޮޅޭގޮތަށް، ޢާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބަރޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީއެންއެފް އިން ކުރަމުންދަނީ ދޮގު ތުހުމަތުތަކެއް ކަމަށް އީސީން ވަނީ ބުނެފައެވެ. އެހެންކަމުން އެ ޕާޓީން ދައްކަމުންދާ ވާހަކަތައް ކުށްވެރިކޮށް، ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ޙަރަކާތްތައް ހިންގުމަށް އެ ކޮމިޝަނުން ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޕީއެންއެފްގެ މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ، އެ ޕާޓީގެ ފަރާތުން މި މައްސަލަ މިހާރު ވަނީ ފުލުހަށް ހުށަހަޅާފައެވެ. އަދި ފުލުހުންގެ އިދާރާއިން ވަނީ މި މައްސަލަ ބަލައިގެންފައެވެ.