ޚަބަރު
އަމީނީމަގު މަރާމާތުގެ މަސައްކަތް: ފުރަތަމަ ސެގްމެންޓްގައި ތާރުއަޅަން ފަށައިފި
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އަމީނީ މަގު މަރާމާތު ކުރުމުގެ ސެގްމަންޓު 1ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިންމާ އާންމުންނަށް ހުޅުވާލުމަށްފަހު، ދެން ކުރިއަށް ގެންދާނީ ސެގްމަންޓް 2 ގެ މަސައްކަތެވެ. ސެގްމަންޓް 2 ގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ. މި ހުރިހާ މަސައްކަތްތަކެއް އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެއިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި އަމީނީ މަގުގެ އެ ސަރަހައްދު އަވަހަށް ހަލާކުވާން މެދުވެރިވީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުގެ ސަބަބުންނެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސް ދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު އަވަހަށް ހަލާކުވުމަށް މަގުފަހިވިއެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅައިގެން ތަރައްޤީކޮށްފައެވެ. މި މަގުގެ މަސައްކަތް މުޅިން ނިންމައި އޭރު އާންމުންނަށް ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.