Ads by Farudhun

ޚަބަރު

ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗުން 341 ދަރިވަރުން ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗުން 341 ދަރިވަރުން ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ 3ވަނަ ބެޗު. ފޮޓޯ:ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 ސެޕްޓެމްބަރު 2026، 12:15

19 ސެޕްޓެމްބަރު 2026، 12:15

ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސްގެ ތިންވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ފުރިހަމަކޮށް، ޖުމުލަ 341 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާއި ބެހޭ ވަޒީރު ޙަސަން ރަޝީދުއެވެ. މި ރަސްމިއްޔާތުގައި ތަމްރީނު ފުރިހަމަކުރި ދަރިވަރުންނަށް އަޒުމް ލައިދިނުމުގެ އިތުރުން ޝަރަފުގެ ހިނގާލުމެއްވެސް ވަނީ ބާއްވާފައެވެ.

މިދިޔަ މެއިމަހުގެ 17ވަނަ ދުވަހުން ފެށިގެން 15 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި، ރާއްޖޭގެ 112 ރަށަކުން ޖުމުލަ 352 ކެޑޭޓުން ބައިވެރިވިއެވެ. އޭގެ ތެރެއިން ކާމިޔާބުކަމާއެކު ތަމްރީނުތައް ފުރިހަމަކުރީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ. ދަސްވެނިވި ދަރިވަރުންނަށް ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއުކޭޝަން އެންޑް ލީޑަރޝިޕާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ވަނީ ދީފައެވެ.

ދިވެހި ވަޠަނީ ޚިދުމަތަކީ ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރި ރައްޔިތެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ބޭއްވި ދެ ބެޗުގެ ތެރެއިން ކޮންމެ ބެޗަކުން 344 ދަރިވަރުން ވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.

މި ތަމްރީނުތަކުގައި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީގެ އިތުރުން ކަސްރަތާއި އަޚްލާޤީ ސުލޫކު ހަރުދަނާކުރުމުގެ ހެވިކަމުގެ ތަމްރީނުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ފަސްޓް އެއިޑާއި، ފަޔަރ ފައިޓިންގ، ސެލްފް ޑިފެންސް، ކޭމްޕް ޙަރަކާތްތަކުގެ އިތުރުން އަސްކަރީ ތަމްރީނުގެ މުހިންމު ބައިތައްވެސް ވަނީ ދަސްކޮށްދީފައެވެ.

މި ޕްރޮގްރާމުގެ ތިންވަނަ ބުރުން ދަސްވެނިވި ޒުވާނުންގެ ތެރެއިން ހޮވޭ ދަރިވަރުންނަށް ބ. ކިހާދޫގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި ވަޠަނީ ޚިދުމަތުގެ ފަންނީ ޕްރޮގްރާމުގެ ތަމްރީނުތައް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ވަޠަނީ ޚިދުމަތުގެ 4ވަނަ ބުރުގެ ސެލެކްޝަން މަރުހަލާތައް ނިންމައި، މިހާރު ދަނީ އެ ބުރުގެ ތަމްރީނުތައް ފެށުމަށް ތައްޔާރުވަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450