Ads by Farudhun

ޚަބަރު

އެދެވޭ ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް: ޢަބްދުއްރަޙީމް ޢަބްދުﷲ

އެދެވޭ ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް: ޢަބްދުއްރަޙީމް ޢަބްދުﷲ

މަޖިލީހުގެ ރައީސް އަބުދއްރަހީމް އަބުދުﷲ - ފޮޓޯ: ޕީއެންސީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

19 ސެޕްޓެމްބަރު 2026، 05:38

19 ސެޕްޓެމްބަރު 2026، 05:38

ރައްޔިތުންގެ އިޙްސާސްތަކާއި ވިންދު ދަނެގަނެ، އެމީހުންނާ ގާތް ގުޅުމެއް ބާއްވައިގެން މެނުވީ ޤައުމެއްގައި އެދެވޭ ފަދަ އޮމާން ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ކާމިޔާބުކަމާއެކު ނިންމާލުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، މިހާރުގެ ސަރުކާރުން ފެންނަމުންދަނީ ރައްޔިތުން އެދޭފަދަ ގާތް ވެރިކަމެއް ކުރުމުގެ ޢަމަލީ ނަމޫނާ ކަމަށެވެ. އަދި ސިޔާސީ މައިދާނުގައި ކާމިޔާބީ ހޯދެނީ ވަކި ނުފޫޒުގަދަ ޚާންދާނަކަށް ނުވަތަ ޢާއިލާއަކަށް ނިސްބަތްވުމުން ނޫން ކަމަށާއި، އޭގެ އަސްލަކީ އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށްޓަކައި ކުރެވޭ ތެދުވެރި މަސައްކަތް ކަމުގައި އަބުދުއްރަހީމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ސަރުކާރާ ހަވާލުވި ދަނޑިވަޅަކީ ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ދުވަސްވަރެއް ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ހަރުދަނާ ފިޔަވަޅުތަކާއެކު، ބޮޑެތި ދަރަނިތައް ދައްކަވައި އިޤްތިޞާދު އަލުން ހަމަމަގަށް އަޅުވަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ނިމިގެންދިޔަ ކޮންގްރެސްއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޢިއްޒު ދައްކަވާ ނަމޫނާއާ އެއްގޮތަށް ރަށްރަށުގައި ތިބި ޕާޓީގެ އިސް ފަރާތްތަކުން ރައްޔިތުންގެ ތެރެއަށް ނުކުމެ، ރައީސަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ މަސައްކަތް މިހާރުން ފެށިގެން ކުރުމަށް ޢަބްދުއްރަޙީމް ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރާއްޖޭގެ ތާރީޚުގައި ވެސް ރައްޔިތުންނާ އެންމެ ގާތުން ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑުއެއްސެވުމަށް އެންމެ ގިނަ ދަތުރުފުޅުތައް ކުރެއްވި ރައީސްއެވެ. އެގޮތުން، އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޢަމަލީ ގޮތުން އިޖާބަދެއްވާފައެވެ. ހަމައެއާއެކު ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ޒަރީއާއިން ވެސް ރައްޔިތުންނާ ސީދާ ބައްދަލުކުރައްވަމުން ގެންދަވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450