ޚަބަރު
ވަކީލުކަމުގެ ހުއްދަ ހޯދުމަށް ބާއްވާ މިއަހަރުގެ ބާ އިމްތިހާނު 138 ބައިވެރިންނާއެކު ބާއްވައިފި
ބާ ކައުންސިލު އިމްތިހާން - ފޮޓޯ: ބާ ކައުންސިލު
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަމުގެ ޚިދުމަތް ދިނުމުގެ ހުއްދަ ހޯދުމަށްޓަކައި ކޮންމެހެން ފުރިހަމަކުރަންޖެހޭ "ބާ އިމްތިހާނު" 138 ކެންޑިޑޭޓުންނާއެކު ބާއްވައިފިއެވެ.
ރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކުރި މި އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައެވެ.
ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލަކަށް ވުމަށް ކަނޑައަޅާފައިވާ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ މި އިމްތިހާނަކީ، އަލަށް މި ދާއިރާއަށް ވަންނަ ފަރާތްތަކުގެ ކިބައިގައި ޤާނޫނީ ޚިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ޢިލްމާއި، ހުނަރާއި ޤާބިލުކަން ހުރިތޯ ބެލުމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑު (މިނިމަމް ބެންޗްމާކް) ވަޒަންކުރާ އިމްތިހާނެވެ. 2022 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި އިމްތިހާނުގައި މިހާތަނަށް ބައިވެރިވި ޖުމްލަ މީހުންގެ ޢަދަދު މިހާރު ވަނީ 779 އަށް އަރާފައެވެ.
މިއަހަރުގެ އިމްތިހާނު އެކުލަވާލާފައިވަނީ މައިގަނޑު 6 ދާއިރާއެއްގެ މައްޗަށެވެ. އެއީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަރ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ، އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއެވެ. ދިވެހި އަދި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ 120 މަލްޓިޕްލް-ޗޮއިސް ސުވާލު ހިމެނޭ މި އިމްތިހާނުގެ ސިލަބަސް އެކުލަވާލަނީ ޤާނޫނީ ތަޢުލީމު އުނގަންނައިދޭ ބޭފުޅުންނާއި، ފަނޑިޔާރުން އަދި ތަޖުރިބާކާރު ވަކީލުން ހިމެނޭ "ކޮމިޓީ އޮފް އެކްސްޕަރޓްސް" އިންނެވެ.
އިމްތިހާނުގައި ބައިވެރިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ބާ ކައުންސިލުން ވަނީ ޚާއްޞަ ރީޑިންގ ލިސްޓެއް ޝާއިޢުކޮށް، އޮރިއެންޓޭޝަން ސެޝަނެއް ބޭއްވުމުގެ އިތުރުން ސިލަބަހުގެ ދާއިރާތަކަށް ޚާއްޞަކޮށްގެން ލެކްޗަރުތަކެއް އިންތިޒާމުކޮށްފައެވެ. އަދި ދުރާލާ ތައްޔާރުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ރެކޯޑުކޮށްފައިވާ ލެކްޗަރުތައްވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.
ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރުމަށްފަހު، ލައިސެންސިންގ ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ކުރިން، ނުވަތަ ޕްރޮގްރާމްގެ މެދުތެރެއިންނާއި ޕްރޮގްރާމް ނިންމުމަށްފަހުވެސް ކެންޑިޑޭޓުންނަށް މި އިމްތިހާނުގައި ބައިވެރިވެވެއެވެ. މިއީ ރާއްޖޭގެ ޤާނޫނީ ދާއިރާގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ވަކީލުންތަކެއް މުޖުތަމަޢަށް ނެރުމަށް އެޅިފައިވާ މުހިންމު ބިންގަލެކެވެ.