Ads by Farudhun

ޚަބަރު

މަނީ ލޯންޑަރިންގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީންނަށް 10 ދުވަހުގެ ބަންދެއް

މަނީ ލޯންޑަރިންގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީންނަށް 10 ދުވަހުގެ ބަންދެއް

މަނީ ލޯންޑްރިންގެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތައް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ސެޕްޓެމްބަރު 2026، 02:04

20 ސެޕްޓެމްބަރު 2026، 02:04

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު އަތުލައިގަތް 6 ބިދޭސީއެއްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މި މީހުން އަތުލައިގަތީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދުމަށް އެކުލަވާލާފައިވާ ޚާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނުގައި ބިދޭސީންގެ އަތުން ފެނުނު ފައިސާތައް ބަންދުކޮށްފައި ހުރީ ސީރިއަލް ޕެކެޓެއްގައެވެ.

އެއަރޕޯޓުން އަތުލައިގަތް ފައިސާގެ ތެރޭގައި 174,161 އެމެރިކާ ޑޮލަރާއި، 56,760 ޔޫރޯ އަދި 1،815 ސްޓަރލިންގ ޕައުންޑް ހިމެނޭހެން ޖުމްލަ 18 ޤައުމެއްގެ ފައިސާ ހިމެނެއެވެ. މި ފައިސާގެ ޖުމްލަ އަގު ގާތްގަނޑަކަށް 3.86 މިލިއަން (3,861,415.29) ދިވެހި ރުފިޔާއަށް އަރައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 6 ފިރިހެނުންނެވެ. އެއީ މުޙައްމަދު މައިނުއްދީން ސަލާހު (35އ)، ރަޖިބް (31އ)، މުޙައްމަދު ޢަބްދުﷲ (38އ)، އަޖްގަރު މިރިދާ (37އ)، އެމްޑީ މޮހިއްދީން ޗޯދުރީ (28އ) އަދި އެމްޑީ ޝާހިން މިއާ (46އ) އެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މީގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށްވެސް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ.

ނަމަވެސް، ކޯޓުގައި މި އެންމެންވެސް ވަނީ އެ ފައިސާއަކީ އެމީހުންގެ އެއްޗެއް ނޫން ކަމަށް ބުނެ އިންކާރުކޮށްފައެވެ. ބައެއް މީހުން އެއަރޕޯޓަށް ދިޔައީ މީހަކު ފުރުވަން ނުވަތަ މީހަކު ބަލައި ކަމަށް ބުނިއިރު، އަނެއްބައި މީހުން ބުނެފައިވަނީ ލަގެޖާއި ޕާރުސަލާ ހަވާލުވީ އެހެން މީހުން އެދިގެން ކަމަށާއި އޭގައި ފައިސާ ހުރިކަން ނޭނގޭ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު 9388733 އަށް މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރު ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދެއްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450