ޚަބަރު
ކައްޗަލަ އެކްސްޕޯޓް ކުރުމުގެ ކޯޓާ 7 ފަރާތަކަށް ދޫކޮށްފި
ހުއިފިލަނޑާގެ ބާވަތެއް ކަމަށްވާ ކައްޗަލަ / ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖޭގެ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ އަގުބޮޑު ބާވަތެއް ކަމަށްވާ "ކައްޗަލަ" ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ކޯޓާ 7 ފަރާތަކަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ދޫކޮށްފިއެވެ.
އެ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ހިއްކާފައިވާ ކައްޗަލަ އެކްސްޕޯޓް ކުރުމަށް 12 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވަނީ ޖުމްލަ 10.95 ޓަނުގެ ކޯޓާއެކެވެ. މީގެ ތެރެއިން މިހާތަނަށް ކޯޓާ ދޫކޮށްފައިވާ 7 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ދޫކޮށްފައިވަނީ 860 ކިލޯގެ ކޯޓާއެވެ.
ކައްޗަލަ އެކްސްޕޯޓް ކުރުމަށް ކޯޓާ ލިބުނު ފަރާތްތަކަކީ:
- އޯޝަން ޓައިޑްސް އިންޓަރނޭޝަނަލް
- އެސްއެމް އިންވެސްޓްމަންޓް
- މަލަކް އިންވެސްޓްމަންޓް
- ވިލިނގިލި ފިޝް ވިލެޖް
- ސްކައި ގޯ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
- ފޭމްސް ގްރޫޕް އޮފް އިންޑަސްޓްރީ ޕްރައިވެޓް ލިމިޓެޑް
- ޓްރޭޑް ބްރިޖް ޕްރައިވެޓް އިންވެސްޓުމަންޓު
ކައްޗަލަ އެކްސްޕޯޓް ކުރުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން، ކަނޑައަޅާފައިވާ ޖުމްލަ ކޯޓާގެ %55 ބަހާނީ ޝަރުތުހަމަވާ އެކްސްޕޯޓަރުންގެ މެދުގައެވެ. އަދި ބާކީވާ %45 ބަހައްޓާނީ ރިޒާވް ކޯޓާގެ ގޮތުގައެވެ. މި އުސޫލުގެ ދަށުން ޝަރުތުހަމަވާ އެކްސްޕޯޓަރުންނަށް ލިބުނު ކޯޓާގެ މަދުވެގެން %95 އެކްސްޕޯޓްކޮށް ނިމުމުން، ރިޒާވް ކޯޓާގެ ތެރެއިން އިތުރު 1.5 ޓަނާ ހަމައަށް ކޯޓާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. މީގެއިތުރުން، އެކްސްޕޯޓަރަކަށް ލިބިފައިވާ ކޯޓާ އެއްކޮށް ނުވަތަ އޭގެ ބައެއް އެހެން އެކްސްޕޯޓަރަކަށް ބަދަލުކުރުމުގެ އިޚްތިޔާރުވެސް ލިބިދީފައިވެއެވެ.
ކައްޗަލައަކީ 25 މޭ 2024 އިން ފެށިގެން ބައިނަލްއަޤްވާމީ 'ސައިޓީސް" މުޢާހަދާގެ އެޕެންޑިކްސް (ޖަދުވަލު) 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސްގެ މި ޖަދުވަލުގައި ހިމެނޭ ބާވަތްތައް ބައިނަލްއަޤްވާމީ ވިޔަފާރީގައި އެއް ޤައުމުން އަނެއް ޤައުމަށް އެކްސްޕޯޓް ކުރެވޭނީ، އެ ޤައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ޚާއްޞަ ޕާމިޓެއް ލިބިގެންނެވެ.
މިފަދަ ޕާމިޓެއް ދޫކުރެވެނީ އެ ޤައުމެއްގެ "ސައިޓީސް ސައިންޓިފިކް އޮތޯރިޓީ" އިން ހަދާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެން.ޑީ.އެފް.) އެސެސްމަންޓަށް ބެލުމަށްފަހުގައެވެ. މިއީ އެ ބާވަތެއް މާހައުލުން ނަގާ މިންވަރަކީ އެ އެއްޗެއްގެ އާބާދީއަށް ގެއްލުން ނުވާނެހެން، ދެމެހެއްޓެނިވި އުސޫލުން ނެގޭ މިންވަރެއްކަން ކަށަވަރު ކުރުމަށް ހަދާ ދިރާސާއެކެވެ.
މިގޮތުން، ރާއްޖޭގެ ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން މިހާރު ވަނީ ކައްޗަލައިގެ އެން.ޑީ.އެފް އެސެސްމަންޓް ތައްޔާރުކޮށްފައެވެ. އަދި ރާއްޖޭގައި މި ބާވަތުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ މިންވަރާއި ހަމަތައް މިހާރު ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ.