ޚަބަރު
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި އިތުރު މީޑިއާތަކެއް ބައިވެރިވެއްޖެ
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި ބައިވެރިވާ އިތުރު މީޑިއާތަކާއެކު ސޮއިކުރުން---
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަ ދިރުވައި އާލާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގައި އިތުރު މީޑިއާތަކަކުން މިއަދު ބައިވެރިވެއްޖެއެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގައި ބައިވެރިވުމަށް ރާއްޖޭގައި ހިންގާ 5 މީޑިއާއަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއަދު ސޮއިކުރި މީޑިއާތަކަކީ ދުވެލި އޮންލައިން، އެކި އެމްވީ، ވަން އޮންލައިން، ވާދޫ އޮންލައިން އަދި އޮއިވަރު މީޑިއާއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން މިދިޔަ ހަފްތާގެ ތެރޭގައިވެސް އެ ވުޒާރާއިން ވަނީ ރާއްޖޭގެ 16 މީޑިއާއަކާއެކު ސޮއިކޮށްފައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޤައުމީ މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނަށް ވުމުގެ ފުރުޞަތު ހުރިހާ މީޑިއާތަކަށް އަދިވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޚާއްޞަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. ލޯގޯ ފަރުމާކުރުމަށްފަހު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ސެޕްޓެންބަރު މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. މިގޮތުން ހުށަހަޅާ ލޯގޯތަކުގެ ތެރެއިން، އެ ވުޒާރާއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުން އިންސާފުކޮށް، އެއްވަނައަށް ހޮވޭ ފަރާތަކަށް 60،000 (ފަސްދޮޅަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މުހިންމު ޤައުމީ މަޝްރޫޢެކެވެ.