ޚަބަރު
އުފަންވާ އަދި އުފަންވާނެ ކޮންމެ ކުއްޖަކަށްވެސް ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމަށް ޢަޒުމް ކަނޑައަޅަންޖެހޭ: މެޑަމް ސާޖިދާ
މެޑަމް ސާޖިދާ. ފޮޓޯ: ޕީއެސްއެމް
މިއަދު އުފަންވާ ކުދިންގެ އިތުރުން މާދަމާ އުފަންވާނެ ކޮންމެ ކުއްޖަކަށްވެސް ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމަށް ޢަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، ނިއޯނޭޓަލް ޚިދުމަތަށް ޒަމާނީ އާލަތްތައް ހޯދުމާއެކު އެ ދާއިރާއިން މީހުން ބިނާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ "ނިއޯކެއަރ ކޮންފަރެންސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "ނިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބްލެޓިން" ވެސް އިފްތިތާޙްކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ފެށިގެން އައިއިރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް މިހާރު މި ދާއިރާއިން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޑޮކްޓަރުންގެ ނިންމުންތަކާއި ނަރުހުންގެ އަޅާލުމާއެކު ދެވޭ ހިތްވަރަކީ މައިންބަފައިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް އެކަމަނާ ވިދާޅުވިއެވެ.
ކޮންމެ ތަނެއްގައި އުފަންވާ ކުއްޖަކަށްވެސް ފުރިހަމަ ޞިއްޙީ ޚިދުމަތާއި ރައްކާތެރިކަން ލިބިދޭންޖެހޭނެކަން ފާހަގަކުރައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ، މި ޚިދުމަތްތައް ފޯރުކޮށްދެވޭނީ ޞިއްޙީ ސާމާނުގެ އިތުރުން ތަމްރީނު ލިބިފައިވާ ޚިދުމަތްތެރިންވެސް ތިބެގެން ކަމަށެވެ. އެހެންކަމުން ދާއިރާއަށް ޚާއްޞަ ފެސިލިޓީތަކާއި، ޒަމާނީ އިކުއިޕްމަންޓްތަކުގެ އިތުރުން މެޑިކަލް ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމާއެކު މީހުން ބިނާކުރުން މުހިންމު ކަމަށް ވިދާޅުވިއެވެ.
"ހަމައެކަނި ޓެކްނޮލޮޖީ ފުރާނައެއް ސަލާމަތް ނުކުރެވޭނެ. މެޝިނަކުން ހިތުގެ ވިންދު މޮނިޓަރ ކުރެވޭ ނަމަވެސް ހިތުގެ ތެޅުން އަހަރެމެންނަށް ކިޔައިދޭ އެއްޗެއް އިނގުމަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވާނެ،"
މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެއިތުރުން، ނިއޯނޭޓަލް ޚިދުމަތް ފޯރުކޮށްދިނުމަށް މެދުކެނޑުމެއްނެތި ތަމްރީނާއި، ޚާއްޞަ ތަޢުލީމާއި، މެންޓަރޝިޕް އަދި އެކަކު އަނެކަކުގެ ކިބައިން ދަސްކުރުމުގެ ފުރުޞަތު ބޭނުންވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި މި ކޮންފަރެންސްއިން ލިބޭ ފިލާވަޅުތައް ޚިދުމަތުގައި ބޭނުންކުރުމަށާއި، މަޢުލޫމާތުތައް އެހެން ފަރާތްތަކާ ހިއްސާކުރުމަށް އިލްތިމާސްކުރައްވަމުން، ކުރިއަށް އޮތްތަނުގައި ޤައުމީ ފެންވަރުގައި މި ޚިދުމަތް އިތުރަށް ކުރިއަރައިދާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.