ޚަބަރު
ޣާޒީ ބިލްޑިންގ ބިމުގައި ހަދާ ޕާކިން ޒޯން މިހަފުތާގައި ހުޅުވާލަނީ
ޣާޒީ ބިލްޑިން ޕާކިން ޒޯން ހެދުމުގެ މަސައްކަތުގެ ތެރެއިން. ފޮޓޯ: މިހާރު
ކުރީގެ ޣާޒީ ބިލްޑިންގ ހުރި ސަރަޙައްދުގައި ތަރައްޤީކުރާ ޕާކިން އޭރިއާގެ މަސައްކަތް އެއްކޮށް ނިންމައި މި ހަފުތާގެ ހުކުރު ދުވަހު ހުޅުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ އިމާރާތް ކަމަށްވާ ޣާޒީ ބިލްޑިންގ ބާވެގެން ތަޅާލާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެ ބިން ޕާކު ކުރުމަށް ބޭނުންކުރަމުން އައި ނަމަވެސް، އެތަނުގައި ޕާކު އޭރިއާއަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުމުގެ މަސައްކަތް އެ ވުޒާރާގެ ޕަބްލިކް ވަރކްސްއިން ފެށީ މިއަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސަރަޙައްދުގައި 370 އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެ ޖާގަ ވަނީ ތަނަވަސްކޮށްފައެވެ. މީގެއިތުރުން އިށީންދެލައިގެން ތިބެވޭނެ ފަދަ ކުޑަ ޕާކު އޭރިއާއެއް ހިމެނޭއިރު، އެ ބިމުން ބައެއް ފުލުހުންނާއި ސިފައިންގެ އުޅަނދުތައް ޕާކުކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ. މިހާރު ކުރިއަށްދަނީ ޕާކު ކުރާ އޭރިއާތައް ކުރެހުމާއި އެންމެ ފަހުގެ މަރާމާތުތަކުގެ މަސައްކަތެވެ.
ގިނަ އޮފީސްތަކެއް ހުރުމުގެ އިތުރުން ދަތުރުފަތުރުކުރާ މީހުންވެސް ގިނައިން ބޭނުންކުރާ މި ސަރަޙައްދު ތަރުތީބުކޮށް، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އަމީނީ މަގު އަލަށް ތަރައްޤީކުރި ސަރަޙައްދު ހުޅުވާލިއިރުވެސް 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ހަދާފައެވެ.
މާލޭގައި ދުއްވާ އުޅަނދުތައް އިންތިހާއަށް އިތުރުވަމުންދާތީ، ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ދަނީ ގިނަ ޕްލޭންތަކެއް ތަންފީޒުކުރަމުންނެވެ. މިގޮތުން މާލޭގެ ސޯސަންމަގުގައި ހުރި ޕާކިން ޒޯނާއި ހީނާމާގެ ޕާކިން ޒޯން ބިމުގައި ޕާކިން ބިލްޑިންގ އެޅުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިންގ ތަރައްޤީކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މި މަޝްރޫޢުތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބިގެންދާނެއެވެ.