ޚަބަރު
ނިއޯނޭޓަލް ދާއިރާއަކީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް: ވަޒީރު ޤީލާ
"ނިއޯކެއަރ ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޞިއްޙީ ވުޒާރާ
ނިއޯނޭޓަލް ކެއަރއަކީ ކުއްޖެއްގެ މުޅި އުމުރުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ވަރަށް މުހިންމު ފަރުވާގެ ދުވަސްތަކެއް ކަމުން، އެ ދާއިރާއަކީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއްކަމަށް ސިއްޙަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
"ނިއޯކެއަރ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރާއްޖެ އުފެދިފައިވާގޮތުން ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ބޮޑު ނަމަވެސް، މިފަދަ ކޮންފަރެންސްއެއްގެ ސަބަބުން ހޮސްޕިޓަލްތަކުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ. އަދި ފަންނީ މާހިރުންގެ އިރުޝާދު ފޯރުކޮށްދީ، ނިއޯނޭޓަލް ކެއަރއަށް ހޭލުންތެރި ޚިދުމަތްތެރިންތަކެއް މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި ހުރި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި މި ޚިދުމަތްތައް އެންމެ ފުރިހަމައަށް ޤާއިމުވެފައި ނެތް ނަމަވެސް، ޓަރޝަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ތަޖުރިބާކަރުން ގުޅިގެން ކުރާ މަސައްކަތުން އެންމެހާ މަޢުލޫމާތާއި އެހީތެރިކަން ލިބެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުއްލި ޙާލަތްތަކުގައި ޢަމަލުކުރަންވީ ގޮތްތަކަށް ސިއްޙީ އެހީތެރިން ވަރަށް ބޮޑަށް ހޭލުންތެރިކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"އެއްފަހަރު ތަމްރީންކޮށްލާފައި ދޫކޮށްލަނިއްޔެއް ނޫން. މިއީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ކްލިނިކަލް މެންޓޯޝިޕް އަދި މިނޫންވެސް ޚިދުމަތްތައް ދޭނެގޮތްތައް ވަރަށް ރަނގަޅަށް އިނގިތިބި ބަޔަކަށްވާންޖެހޭ، ޒިންމާ ބޮޑު މަސައްކަތެއް." ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް އަބަދުވެސް އަންނަ ތަރައްޤީއާއެކު މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ނިއޯނޭޓަލް ފަރުވާގެ ނިޒާމަކީ ދުރަށް ވިސްނައިގެން ތަރައްޤީކުރަން ޖެހޭ، އިންސާނީ ވަސީލަތް ބިނާކުރުން ކޮންމެހެން ބޭނުންތެރި ދާއިރާއެއް ކަމަށެވެ. އަދި ފަރުވާއަށްފަހު ކުއްޖާ ދޫކޮށްލުމަކީ ސިއްޙީ އެހީތެރިންގެ ޒިންމާ ނިމޭ ހިސާބު ނޫން ކަމަށާއި، ކުދިންގެ ފޮލޯއަޕްތަކާއި އާއިލާއަށް ބޭނުންވާ މަޢުލޫމާތާއި ފަރުވާތެރިކަމުގެ ކަންކަން ބުނެދިނުމަކީ އެންމެ ބޮޑު އެއް ޒިންމާ ކަމުގައި ޤީލާ ފާހަގަކުރެއްވިއެވެ.