ޚަބަރު
ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުން: ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދަނީ
ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން މި މަސައްކަތާއި ގުޅޭ އަދާހަމަ ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ލީން ކޮންކްރީޓް މަސައްކަތްތަކާއި، ސްޓްރިޕް ފޫޓިންގ ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން، ޓައި ބީމް ރީއިންފޯސްމަންޓާއި ޝަޓަރިންގ މަސައްކަތްތައް ކަމަށެވެ.
Project Update: Upgrading of HA. Atoll Hospital at HA.Dhidhdhoo
— MTCC Plc (@MTCCPlc) September 21, 2026
Lean concrete works, strip footing concreting works and tie beam reinforcement and shuttering work are currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC… pic.twitter.com/O7sVMem3Xs
މި ޕްރޮޖެކްޓުގެ ދަށުން ދިއްދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުން ތަފާތު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ރާވާފައިވާއިރު، އޭގެ ތެރޭގައި އެއައިސޮލޭޝަން ފެސިލިޓީއަކާއި، ރޭޑިއޮލޮޖީގެ ދާއިރާއިން ސީޓީ ސްކޭން، އެމްއާރްއައި، މެމޮގްރަފީ އަދި އަލްޓްރާސައުންޑް ސްކޭންގެ ޚިދުމަތްތައް ހިމެނެއެވެ.
ހަމައެއާއެކު، ކުނި މެނޭޖްކުރާ މަރުކަޒަކާއި، ސިނާޢީ ފެންވަރުގެ ލޯންޑްރީއެއްގެ އިތުރުން އޮކްސިޖަން އުފައްދާ ޕްލާންޓެއް އެޅުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތަކީ 185.6 މިލިއަން ރުފިޔާގެ އަގަކަށް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.
ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ ބޭނުމުގައި ރަށްރަށުގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަންތަން ޒަމާނާ އެއްގޮތަށް ފެންވަރު މަތިކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ. މިގޮތުން ގިނަ އަދަދެއްގެ ރަށްރަށުގައި ސިއްހީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވަނީ ފަށައިގަނެވިފައެވެ.