ޚަބަރު
ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ތަސައްލީއެއް: ޑރ. އަޒުވަރު
ސްޓެލްކޯގެ އެމްޑީ ޑރ ޢަލީ އަޒްވަރު. ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ނުހަނު ބޮޑު ފައިދާއަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޑރ. އަޒުވަރު މިހެން ވިދާޅުވީ ސްޓެލްކޯއިން އަލަށް ޚިދުމަތް ދޭންފެށި ބ. އަތޮޅު، ޅ. އަތޮޅު، އަދި މ. އަތޮޅުގެ އިތުރުން ކ. ހުރާގެ ސްޓޭޝަން މެނޭޖަރުންނާއި، ވަގުތީގޮތުން އިންޖީނުގެތަކާ ހަވާލުވެވަޑައިގެން ތިއްބެވި ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި ސްޓެލްކޯއަކީ ޤައުމީ ތަރައްޤީގެ އެންމެ ބޮޑު އެއް ބައިވެރިޔާއެވެ. އަދި ސްޓެލްކޯއިން ދެމުންދާ ޔުޓީލިޓީ ޚިދުމަތްތައް މަތީ ފެންވަރުގައި މުޅި ރާއްޖެއަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ޝުޢޫރުތައް އައްސަވައި ނިންމެވި ވަރަށް މުހިންމު ފިޔަވަޅެކެވެ.
މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރޭން އަޅުގަނޑުމެން މިހާރު މިދަނީ ކުންފުނީގެ ޓީމްތަކެއް އެކުލަވާލައިގެން ސަރވޭ ކުރުމުގެ މަސައްކަތް ކުރަމުން. މުޅި ރާއްޖެއަށް ސްޓެލްކޯގެ ޚިދުމަތް ފުޅާކުރެވިގެން ދިއުމަކީ އަޅުގަނޑު ދެކޭގޮތުގަ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކާއި ތަސައްލީއެއް. އެއީ ރަށްރަށުގަ ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ، އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ޚަރަދުގެ ގޮތުގަ ހޭދަކުރެވޭ މިންވަރު ކުޑަކުރުމާ، އޮޕަރޭޝަނަލް އެފިޝަންސީއަކީ ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ. އެގޮތުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ ސަރުކާރުން ނެންގެވި ވަރަށް މުހިއްމު ފިޔަވަޅެއް މިއީ،
ޑރ ޢަލީ އަޒްވަރު
ސްޓެލްކޯއަކީ 75 އަހަރުގެ ދިގު އަދި ރައްޔިތުން ބަލައިގަންނަ ފަދަ ތާރީޚެއް އޮތް ކުންފުންޏެއްކަން ފާހަގަކުރައްވަމުން ޑރ. އަޒުވަރު ވިދާޅުވީ، އެކަން އެގޮތުގައި ދެމިއޮތީ މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުން ކަމަށެވެ. އެހެންކަމުން އަލަށް ޚިދުމަތް ފެށި ރަށްރަށުގެ ސްޓޭޝަން މެނޭޖަރުން ވެސް އެކަން ދަމަހައްޓައި، ރައްޔިތުންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މި މަހުގެ 20 ން 22 ގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ސްޓޭޝަންތަކުގެ އިސްވެރިންނަކީ ސްޓެލްކޯގެ ޤަވާޢިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް، ޒިންމާދާރުކަމާއެކު އިންޖީނުގެތައް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ބާއްވާ ޕްރޮގްރާމެކެވެ. މީގެ ތެރޭގައި މެނޭޖަރުންގެ ޒިންމާތަކާއި، އިދާރީ، ޓެކްނިކަލް، މާލީ، ރައްކާތެރިކަމުގެ އަދި އޮޕަރޭޝަނަލް ކަންކަމާ ގުޅޭ މުހިންމު އިރުޝާދުތައް ދިނުމާއި، މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދުމުގެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.