ޚަބަރު
ރިނބުދޫގައި އަޅާ ޕޮލިސް ޕޯސްޓްގެ ވަށާފާރު ރޭނުމުގެ ތައްޔާރީތައް ފަށައިފި
ދ. ރިނބުދޫގައި އަޅާ ޕޮލިސް ޕޯސްޓްގެ މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ދ. ރިނބުދޫގައި އަޅާ ޕޮލިސް ޕޯސްޓްގެ ވަށާފާރު ރޭނުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ވިދާޅުވީ، ރިނބުދޫ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ ތެރެއިން މިހާރު ކުރިއަށްދަނީ ވަށާފާރު ރޭނުމަށްޓަކައި ބިން ސާފުކުރުމުގެ މަސައްކަތައް ކަމަށެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސަސްއާއެކު ހެދުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން 10 ރަށެއްގައި ޕޮލިސް ޕޯސްޓު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެވުނެވެ. އަދި 5 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ވެސް އެ ކުންފުންޏާއި ހަވާލުކުރެވުނެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު ސަޢުދީއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ޑީސީޕީ ފަރްހާދު ފިކުރީއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން މި މަޝްރޫއަކީ ވަރަށް ހާއްސަ އިސްކަމެއް ދީގެން ހިންގާ މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމެވެ.
މި ލަނޑުދަނޑި ވާސިލުވުމަށްޓަކައި އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތަކާއި ޕޯސްޓުތައް އަދި ޑެސްކުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.