ޚަބަރު
ދިވެހިބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި
ދިވެހި ބަހުގެ އެކެޑެމީ
ގައުމީ ބަސް ބޭނުންކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލުކުރެއްވުމަށް ދިވެހި ބަހުގެ އެކެޑެމީން އިލްތިމާސްކުރައްވައިފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ނެރުއްވި ބަޔާނެއްގައި ވަނީ، "ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު"ގައި ރާއްޖޭގެ ގައުމީ ބަހަކީ ދިވެހިބަސް ކަމަށް ވުމާއެކު، ދައުލަތުގެ ރަސްމީ އެންމެހައި މުއާމަލާތްތައް ކުރަންޖެހޭނީ ދިވެހިބަހުންކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އޮފީސްތަކާއި އިދާރާތަކާއި ތަންތަނަށް ނަންކިޔުމުގައާއި، ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާކަން އެކަޑަމީން ފާހަގަކުރެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުންނަށް ފެންނަގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަންބޯޑެއްގައި ވެސް އެ ތަނެއްގެ ނަން، ކިޔަން އެނގޭނޭހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ ކަމަށް ގާނޫނުގައި ލާޒިމުކޮށްފައިވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ޤާނޫނެއްގައި، ވަކިގޮތަކަށް އަމަލުކުރަންވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެއީ، އެ ޤާނޫނުން އުފައްދާ ބަރީއަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމުގައި ބަލަންވާނެކަން ފާހަގަކުރައްވާ އެކަޑަމީން ވިދާޅުވީ، މިއާއި ޚިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް، ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނާ އެއްގޮތަށް އެންމެހައި ފަރާތްތަކުން އަމަލުކުރަމުން ގެންދިއުމަށް ދިވެހި ބަހުގެ އެކަޑަމީން ވަނީ އިލްތިމާސްކޮށްފައެވެ.