ޚަބަރު
ރަސްމާލެ މަޝްރޫއާއެކު ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ: މާލީ ވަޒީރު
ރަސްމާލެ މަޝްރޫއުގެ ސޮއި ކުރުމުގެ ތެރެއިން - ފޮޓޯ: ހައުސިން މިނިސްތްރީ
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ "އީގަލް ހިލްސް" ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫއެއް ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ 20 ބިލިއަން ޑޮލަރުގެ ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރަންޓާއި މެރީނާ އަދި ރިއަލް އެސްޓޭޓް އިމާރާތްތަކުގެ ލީސް ރައިޓްސް ގަތުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ތަންތަން ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ ދިވެހި ސަރުކާރާއެކު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ގާއިމުކުރެވޭ ހާއްސަ އެސްކްރޯ އެކައުންޓަކަށް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މި ޕްރޮޖެކްޓްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް، އެކަން އެހެން ނުވާނެ ގޮތަށް ކަންކަން ރާވާފައި ހުންނާނީ. އެކަން އެންޝުއާ ކޮށްފައި ހުންނާނީ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ އެސްކްރޯ ކުރެވިގެން ރާއްޖޭގެ ބޭންކްތަކަަށް މި ޑޮލަރު އަދި ރާއްޖޭގެ އިގްތިސާދަށް، ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުވާނެ ގޮތަށް މި ޕްރޮޖެކްޓް ރޭވިފައި މިއޮތީ،".
ޒަރީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދަށް އަހަރަކު ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ވަންނަ ނަމަވެސް، އޭގެ ބޮޑު ބައެއް ބޭރުވެގެންދާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން އެ ފައިސާ ރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓި، އާންމުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.
މީގެއިތުރުން، މި މަޝްރޫއުގެ ފުރަތަމަ އަހަރު ލީސް ރައިޓްސް ވިއްކައިގެން ރާއްޖެއަށް ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ފަހުން އެ ތަންތަން ހިންގަން ފެށުމުން އަހަރަކު ދެ ބިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ވަންނާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ. މިއީ މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، މަޝްރޫއުގެ ކޮންޓްރެކްޓަރުންނަށާއި މުދާ ސަޕްލައިކުރާ ފަރާތްތަކަށް ހުރިހާ ފައިސާއެއް ދައްކާނީ ރާއްޖޭގައި ލައިސަންސް އޮންނަ ބޭންކުތައް މެދުވެރިކޮށް ކަމަށެވެ. އަދި ރިއަލް އެސްޓޭޓް ޔުނިޓުތަކުގެ މުއާމަލާތްތައް ހިންގާނީ އަލަށް އެކުލަވާލާ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ރާއްޖޭގައި ބަލަހައްޓާ އެސްކްރޯ އެކައުންޓުތައް މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު މުއްތަލިބު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން އެއްވެސް ޓެކްސް އިސްތިސްނާއެއް ދީފައި ނުވާނެ ކަމަށާއި، ރަސްމާލޭގެ ހުރިހާ ވިޔަފާރި ހަރަކާތްތަކުން ވެސް ގާނޫނާ އެއްގޮތަށް ޓެކްސް ނަގާނެ ކަމަށެވެ. އެގޮތުން ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ލިބޭއިރު، ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކޮންމެ މުއާމަލާތަކުން 4 އިންސައްތައިގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ދައުލަތަށް ލިބިގެންދާނެއެވެ.