ޚަބަރު
މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި އައު މިސްކިތެއް އަޅަނީ
މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި އައު މިސްކިތެއް އެޅުމުގެ އއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: އިސްލާމީ ވުޒާރަ
މާލޭ މަޖީދީމަގު ހީނާމާގެ ޕާކިންގ ސަރަޙައްދު ކައިރީގައި ހުންނަ މަސްޖިދުއްސުލްޠާން ޢާދިލް ހުރި ބިމުގައި ޒަމާނީ އައު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވަނީ މާޒިޔާ ސަރވިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރާ އައު މިސްކިތަކީ ޖުމްލަ 390 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. ދެ ފަންގިފިލާއާއި ޓެރަހަކާއެކު އިމާރާތްކުރާ މި މިސްކިތުގެ ގްރައުންޑް ފްލޯގައި 76 މީހުންނަށް ނަމާދު ކުރެވޭއިރު، ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި 157 މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މަސްޖިދުއްސުލްޠާން ޢާދިލަކީ ޖާގައިގެ ދަތިކަމުގެ ސަބަބުން، ޚާއްޞަކޮށް ރަމަޟާންމަހާއި ހުކުރު ދުވަސްތަކުގައި މީހުން ފުރިބާރުވެ، މަގުމައްޗަށް ސަފުތައް ދަމަންޖެހޭ މިސްކިތެކެވެ.
މާލެ ސިޓީގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ ބޮޑެތި މިސްކިތްތައް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫޢުތަކެއް އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި މ. މުއިވެޔޮދޮށުގެ/ބޮޑުގެ ބިމުގައި ޒަމާނީ މިސްކިތަކާއި ދަޢުވާ ސެންޓަރެއް އެޅުމާއި، ޒިކުރާ މިސްކިތް ހުރި ބިމުގައި އައު މިސްކިތެއް ބިނާކުރުމުގެ އިތުރުން ވިލިމާލޭ ސަލާމް މިސްކިތް ތަޅާލައި ބޮޑު މިސްކިތެއް އެޅުން ހިމެނެއެވެ. އަދި ހުޅުމާލޭގެ ވަގުތީ މިސްކިތްތައް ދާއިމީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މާލޭ ސަރަޙައްދުގެ މިސްކިތްތަކުގެ ޙާލަތު ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، މި ދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެ ކަމަށެވެ.