Ads by Farudhun

ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިނަދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ތިނަދޫއިން 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު 2 މީހުން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

23 ސެޕްޓެމްބަރު 2026، 12:08

23 ސެޕްޓެމްބަރު 2026، 12:08

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގދ. ތިނަދޫ ސިޓީން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މިއަހަރުގެ ޖުލައި މަހުން ފެށިގެން ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ. އެގޮތުން، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވަނީ އަޕަރ ސައުތު ޕޮލިހުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ތިނަދޫ ޕޮލިސް ސްޓޭޝަނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ޓީމު ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީގެ ގެއެއް ބަލައިފާސްކޮށްފައިވާއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 16.25 ގްރާމުގެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ވިދާޅުވީ، ހައްޔަރުކުރި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ:

ފަޒުލީން މުޙައްމަދު (39އ) / ހުދުރުވާގެ، ގދ. ތިނަދޫ
ޢަޒުލިފު މުޙައްމަދު (30އ) / ހުދުރުވާގެ، ގދ. ތިނަދޫ

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ފަޒުލީން މުޙައްމަދު 70 ދުވަހަށް އަދި ޢަޒުލިފު މުޙައްމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ މިހާރު ތަޙުޤީޤު ކުރަމުންދަނީ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެންނެވެ.

މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކޮށް، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ދަނީ ގެންނަމުންނެވެ.

މީގެއިތުރުން، ގދ. އަދި ގއ. އަތޮޅަކީ މަސްތުވާތަކެތިން ސާފުވެފައިވާ ދެ އަތޮޅަށް ހެދުމަށްޓަކައި ތިނަދޫ ސިޓީގެ ފުލުހުންނާއި، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ "ގިރިންދާ" ގުޅިގެން ޚާއްސަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން "ގިރިންދާ" ޖަމްޢިއްޔާއިން ދެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް މި ވަބާއިން ސަލާމަތްވާނެ ކަންކަމާއި މެދު މަޝްވަރާތއްކޮށް، ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ބައްދަލުވުންތަކުގައި ގދ. އަދި ގއ. ގައި ހަރަކާތްތެރިވާ ފުލުހުން ބައިވެރިވެ، ފުރިހަމަ އެއްބާރުލުން ދެމުންދާކަން ފާހަގަކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450