ޚަބަރު
އުފެއްދުންތެރިކަމުގެ މައުރަޒުގައި 6،000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
2025 ވަނަ އަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު. ފޮޓޯ: ރައީސް އޮފީސް
މި އަހަރު ބާއްވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިކުރުމަށް 6،000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ.
މިއީ މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިކުރި އުފެއްދުންތަކާ އަޅައިބަލާއިރު 2،000 އަށްވުރެ އިތުރު އަދަދެކެވެ.
ބީސީސީން ހާމަކުރި ގޮތުގައި މި އަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 800 އަށްވުރެ ގިނަ އެޕްލިކޭޝަން ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މައުރަޒަށް ރަޖިސްޓްރީ ކޮށްފައިވާ އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމުގެ ފުރުސަތު މި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، އެންމެ ފަހު ވަގުތަށް މަޑުނުކޮށް ތަފްސީލުތައް ހުށަހެޅުމަށް ބީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މައުރަޒަކީ ދިވެހި ވިޔަފާރިވެރިންނާއި އުފެއްދުންތެރިންގެ މުދާ އިޝްތިހާރުކޮށް، މާކެޓް ފުޅާކުރުމުގެ އިތުރުން ކަސްޓަމަރުންނާއި އެހެނިހެން ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ބީސީސީން ފާހަގަކުރި ގޮތުގައި، މި އަދަދަށް އުފެއްދުންތައް ރަޖިސްޓްރީވުމަކީ މައުރަޒަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތަކާއި ހިދުމަތްތައް އަދި އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ.
މި އަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި މައުރަޒުގައި އުމުރުން 13 އަހަރުން މަތީގެ ފަރާތްތަކަށާއި، ވިޔަފާރިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި ކައުންސިލްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 25 އިން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މައުރަޒު ކުރިއަށްދާއިރު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ ތަފާތު ހަރަކާތްތަކާއި، ބޮޑުބެރާއި ސަގާފީ އެކި ކުޅިވަރުތައް ކުރިއަށްދާނެއެވެ.