ޚަބަރު
ނެއްލައިދޫ އެފްއާރުސީގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
ނެއްލައިދޫ އެފްއާރުސީގެ މަސައްކަތް. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
ހދ. ނެއްލައިދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ)ގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ މަޝްރޫއު ނިންމުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
ނެއްލައިދޫގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
Project update: HDh.Nellaidhoo Fitness and Recreation Center | 95% Complete pic.twitter.com/KOZdJVzLaM
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) September 21, 2026
އެރަށުގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. މި ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، ނެއްލައިދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ހަށިހެޔޮ، ދުޅަހެޔޮ އަދި ހަރަކާތްތެރި މުޖުތަމައުތަކެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މިފަދަ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ. އެގޮތުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އިމާރާތްކޮށް ނިންމައި، ރައްޔިތުންނަށް އެތަންތަނުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.