ޚަބަރު
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްގީކުރަނީ
ހުޅުމާލެ ފޭސް 1 ގެ ރުއްގަނޑު 2 ސަރަޙައްދު ތަރައްޤީ ކުރުމަށް ވިސްނާފައިވާ ގޮތުގެ ކުރެހުން---
ހުޅުމާލޭ ފޭސް އެކެއްގައި ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްގީކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ރައްޔިތުންނާއި، ހުޅުމާލެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ މެދުގައި މަގުބޫލު އަދި މުނިފޫހިފިލުވުމުގެ ފުރިހަމަ ވަސީލަތްތައް ގާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދުގައި ތަރައްގީކުރާ މި މަޝްރޫއުގެ ދަށުން، 10 ލޭނުގެ ޒަމާނީ ބޯލިންގ އެލީއަކާއި ފުރިހަމަ ގޭމިންގ އާކޭޑެއް ގާއިމުކުރެވިގެންދާނެއެވެ. މީގެ އިތުރުން ޕާޓީތަކާއި އެކި ކަހަލަ އިޖްތިމާއީ ހަރަކާތްތައް ބޭއްވުމަށް ޚާއްސަ މަލްޓި ޕާޕަސް ހޯލެއްވެސް މި ތަނުގައި ހުންނާނެއެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މި ސަރަހައްދު ފަރުމާކުރެވިގެންދާނީ ކުޅިވަރު ބަލަން ހިތްފަސޭހަކަމާއެކު ތިބެވޭނެ އިންތިޒާމުތަކާ އެކުގައެވެ. އެގޮތުން ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، އެ ސަރަހައްދުގެ މޫދަށް އެރި އުޅޭ ފަރާތްތަކަށް ފަސޭހައިން ފެންވެރޭނެ އިންތިޒާމާއި، ތަނަށް ޒިޔާރާތްކުރާ މީހުންނަށް ޚާއްސަ ޕާކިންގ އޭރިއާއެއްވެސް މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނެއެވެ.
ރުއްގަނޑު 2 ސަރަހައްދަށް މި ގެނެވޭ ބޮޑު ބަދަލުގެ ސަބަބުން، ހުޅުމާލޭގެ ރަށްވެހިންނަށާއި، އާއިލާތަކާއި، ޒުވާނުންނަށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ބޭރުން ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް މުނިފޫހިފިލުވުމާއި ކުޅިވަރުގެ ފުރިހަމަ މާހައުލެއް ލިބިގެންދާނެއެވެ. އަދި މިފަދަ ވަސީލަތްތަކުގެ ސަބަބުން މުޖުތަމައުގެ މެދުގައި އޮންނަ އިޖްތިމާއީ ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށްވެސް އެޗްޑީސީން ފާހަގަކުރެއެވެ.