ޚަބަރު
ފޮނަދޫ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފަށައިފި
ލ. ފޮނަދޫގައި ގާއިމުކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު. ފޮޓޯ: އެމްޓީސީސީ
ލ. ފޮނަދޫގައި ގާއިމުކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފުރަތަމަ ފަންގިފިލާގެ މަސައްކަތް ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ވިދާޅުވެއްޖެއެވެ.
މަޝްރޫއުގެ އަދާހަމަ ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޮސްޓެއްގައި އެމްޓީސީސީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ސްލެބް ލެވެލްގެ ކޮލަމް ޝަޓަރިން އަދި ރީއިންފޯސްމަންޓް މަސައްކަތްތައް ކަމަށެވެ.
ފޮނަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިންނެވެ.
Project Update: Construction of Regional Emergency Operations Centre at L. Fonadhoo
— MTCC Plc (@MTCCPlc) September 23, 2026
Column shuttering and reinforcement works are currently ongoing at the project site. First floor slab level.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC… pic.twitter.com/BQtG6LFqxa
މި މަޝްރޫޢުގެ ދަށުން 2368 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ކުރާނެއެވެ. މި މަޝްރޫޢަށް 6.50 މިލިޔަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މަސައްކަތް ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 300 ދުވަހުގެތެރޭގައި ނިންމާގޮތަށެވެ.
ފޮނަދޫގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ޤާއިމުކުރެވުމާއެކު، ޤުދުރަތީ ގޮތުންނާއި އެނޫން ގޮތްގޮތުން ދިމާވާ ކާރިސާތަކާ ގުޅިގެން އަވަސްކަމާއި ފަސޭހަކަމާއެކު ހައްދުންމަތީ ރައްޔިތުންނާއި ފޮނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.