ޚަބަރު
ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް
ފަރެސްމާތޮޑާ ބިން ހިއްކުން. ފޮޓޯ: އެމްޓީސީސީ
ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބާރަށް ކުރިއަށް ގެންދަމުން އެބަދެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 142.6 މިލިއަން ދިވެހި ރުފިޔާގެ އަގުހުރި މަޝްރޫޢެކެވެ. މިއީ 270 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފަރެސްމާތޮޑާގެ 18 ހެކްޓަރުގެ ބިން ހިއްކުމާއި، އަލަށް ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ގޮތުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މި މަޝްރޫޢުގެ ސަބަބުން އެ ރަށުގެ 1،800 އެއްހާ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.
Project Update: Design and build Land Reclamation and Shore Protection Works at GDH. Faresmaathoda
— MTCC Plc (@MTCCPlc) September 24, 2026
Dredging and reclamation operations are currently ongoing at the project site.
Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/5Ohqu3KJkC
މީގެ އިތުރުން، ފަރެސްމާތޮޑާގެ ތަރައްޤީއަށްޓަކައި އެ ރަށުގެ ބަނދަރާއި ބޯޓު ޔާޑު ތަރައްޤީކުރުމުގެ ވަކި މަޝްރޫޢެއްވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. 209.43 މިލިއަން ރުފިޔާގެ އެ މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، އެއްގަމު ތޮށި އަދި ބޭރުތޮށި ލުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.