ޚަބަރު
އެލްނީނޯގެ ހާލަތު ގޯސްވެ، ތިމާވެއްޓަށް ގެއްލުންވާ ހާލަތަކަށް ގޮސްފިނަމަ ބައެއް ޕްރޮޖެކްޓްތަށް ހުއްޓާނަން: ވަޒީރު
ވަޒީރު އަލީ ޝަރީފް. ފޮޓޯ: ރައީސް އޮފީސް
އެލްނީނޯގެ ހާލަތު ގޯސްވެ، ތިމާވެއްޓަށް ގެއްލުންވާ ހާލަތަކަށް ގޮސްފިނަމަ ބިންހިއްކުން ފަދަ ބައެއް ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ފޯކާސްޓްކޮށްފައި އޮތް ގޮތަށް އެލްނީނޯ ކުރިއަށްދާނަމަ އިތުރަށް ހޫނުވުމާއެކު މި ހާލަތު އަންނަ އަހަރަށް ވެސް ދިގުލައިގެންދާނެ ކަމަށެވެ. އަދި މިހާރުގެ ފޯކާސްޓްތަކުން ދައްކަނީ ހާލަތު އިތުރަށް ގޯސްވާނެ ކަމަށާއި، އެލްނީނޯގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިނގާ އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ކައުންޓަރ އިފެކްޓެއް ފެނިދާނެ ކަމަށް ބެލެވޭތީ، މެޓް ސަރވިސްއިން ކޮންމެ ދުވަހަކު ކެނޑިނޭޅި މި އިންޑެކްސްތައް ބަލައި މޮނިޓަރ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި ދުވަސްވަރު އެންމެ ބޮޑު ހިރާސެއް އޮންނާނީ ފަރުތަކުގެ ގާތައް ހުދުވުމަށްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެންމެ ފަހުން މައިނަރ އެލްނީނޯއެއް ދިމާވި ފަހަރުވެސް ބިންހިއްކުމުގެ މަސައްކަތް ހުއްޓާލި ކަމަށެވެ. ނަމަވެސް ބިންހިއްކުމުގެ މަސައްކަތަކީ އަގުބޮޑެތި ޑްރެޖަރުތައް ގެނެސްގެން، ކޮންމެ ދުވާލަކަށް އެތައް ލައްކަ ޑޮލަރެއް ޗާޖުކުރާ ކަމަކަށްވާތީ، ހަމައެކަނި އެލްނީނޯއޭ ކިޔާފައި މަސައްކަތް މުޅިން ހުއްޓާލުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެހެންވީމާ މީގައި ހުރޭ ހުސްއެކަނި ހުއްޓާލުމަކީ ހަމަ ހުއްޓާލަން އެހާ ފަސޭހަ ކަމަކަށް ނުވޭ. އެހެންވީމާ އެ ގޮތަށް ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ކަމަށް ވަންޏާމުން، އެ ހާލަތު އެ ވަރަށް ގޯސްވެއްޖެ ކަމަށް ވަންޏާމުން ހަމަ ކުރިން ފަހަރެއްގައިވެސް ހަމަ އަޅުގަނޑުމެން ވެއްޖެ މީގައި ހުއްޓާލާފައި. އެހެންވީމާ ދެންވެސް ހަމަ ހުއްޓާލަން ޖެހިއްޖެއްޔާމުން އެ ހާލަތަށް ދިޔާމުން ހުއްޓާލާނެ"
ވަޒީރު ޢަލީ ޝަރީފް
މީގެއިތުރުން މިނިސްޓަރު ފާހަގަކުރެއްވީ، މަސައްކަތް އެވޯޑްކޮށްފައިވާ ކޮންޓްރެކްޓަރުންނާ މަޝްވަރާކޮށްގެން، ޑްރެޖަރުތައް އައިޑަލްކޮށް ބައިތިއްބާ ދުވަސްތަކުގައި ޗާޖު ނުނެގުން ނުވަތަ މިނިމަލް ޗާޖެއް ނަގައިގެން ނުވަތަ އެހެން ތަނެއްގައި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށް އެ ފަރާތްތަކުގެ އެއްބާރުލުން މިކަމުގައި ވަރަށް މުހިންމު ކަމަށެވެ.