ޚަބަރު
އިޔާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 126 މެގަވޮޓަށް އިތުރުކުރެވިއްޖެ: ވަޒީރު
ވަޒީރު ޢަލީ ޝަރީފް
މި ސަރުކާރުން ވަނީ އިއާދަކުރަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީ 53 މެގެވޮޓްއިން 126 މެގަވޮޓްއަށް އިތުރުކޮށްފައި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ.
"މި ސަރުކާރުން ވަނީ، އިއާދަކުރަނިވި ހަކަތައިގެ އިންސްޓޯލްޑް ކެޕޭސިޓީ 53 އިން 126 މެގަވޮޓްއަށް އިތުރުކޮށްފައި އެކި ސަރަހައްދުތަކުގަ އެކި މަޝްރޫއުތައް ކުރިއަށް ގެންގޮސްގެން."
ވަޒީރު ވިދާޅުވިއެވެ.
ރ. އަތޮޅާއި ބ. އަތޮޅުގެ ޖުމްލަ 23 ރަށެއްގައި ޖުމްލަ 6.5 މެގަވޮޓްގެ ސޯލާ ޕީވީ އާއި 10 މެގަވޮޓްގެ ބެޓެރީ ސިސްޓަމް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވާނީ އިފްތިތާހުކޮށްފައި ކަމަށާއި، އޭގެ ތެރެއިން ބައެއް ރަށްރަށުގައި ދުވާލަކު 4-6 ގަޑިއިރާ ދެމެދު ޖަނަރޭޓަރުތައް ނިއްވާލައި، މުޅިން އިޔާދަކުރަނިވި ހަކަތައިން ދަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ. ޖަނަރޭޓަރުތައް ނިއްވާލެވޭ ރަށްތަކުގެ ތެރޭގައި ރ. ރަސްމާދޫ، ރ. ވާދޫ، ރ. ކިނޮޅަސް އަދި ބ. ކުޑަރިކިލު ހިމެނެއެވެ.
ވަޒީރު ވިދާޅުވީ، އެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
މި ނިޒާމުގެ ތެރެއިން، ރާއްޖޭގައި ކަރަންޓު އުފެއްދުމަށް އަހަރަކު އަންދާ ޑީސަލްގެ ތެރެއިން 3.1 މިލިއަން ލީޓަރު ސަލާމަތްކުރެވޭނެ ކަމަށާއި، ޖައްވަށް ބޭރުކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރުން އަހަރަކު 8,400 ޓަނު މަދުކުރެވިގެންދާނެ ކަމަށް ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ.