ޚަބަރު
ތުރުކިއޭގެ އިންޓަނޭޝަނަލް ކޮންޔާ ތިއޭޓަރ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް
ތުރުކިއޭގެ 16 ވަނަ އިންޓަނޭޝަނަލް ކޮންޔާ ތިއޭޓަރ ފެސްޓިވަލްގެ ތެރެއިން--
ތުރުކިއޭގެ ސްޓޭޓް ތިއޭޓަރުތަކުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ 19 ވަނަ އިންޓަނޭޝަނަލް ކޮންޔާ ތިއޭޓަރ ފެސްޓިވަލް، "އަ ތައުޒަންޑް ބްރެތްސް، ވަން ވޮއިސް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެއެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ 3 މޭ އިން 10 މޭ 2027 އަށް ތުރުކިއޭގެ ކޮންޔާގައެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފެސްޓިވަލްގެ މައިގަނޑު މަޤްޞަދަކީ އެކި ޤައުމުތަކުގެ ތިއޭޓަރ ކުންފުނިތަކާއި، ފަންނާނުން އަދި ފަންނީ މާހިރުން އެއްތަނަކަށް ގެނެސް، ފަންނީ ތަޖުރިބާ ބަދަލުކުރުމާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމެވެ. ބައިވެރިވާ ފަރާތްތަކުގެ މައިގަނޑު ހުށަހެޅުންތަކުގެ އިތުރުން ވޯކްޝޮޕްތަކާއި، މަގުމަތީ ތިއޭޓަރާއި، ނެށުމުގެ ހަރަކާތްތަކާއި ކޮންސަރޓް ފަދަ އިތުރު ހަރަކާތްތައް ހުށަހެޅުމުގެ ފުރުޞަތު ވެސް ފެސްޓިވަލްގެ ޕްރޮގްރާމާއި ވަސީލަތްތަކަށް ބަލައި ލިބިގެންދާނެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ގްރޫޕްތަކުގެ މެންބަރުންނަށް އެއްބަސްވެފައިވާ މުއްދަތުގައި ހެނދުނުގެ ނާސްތާއާއެކު ހުރުމުގެ އިންތިޒާމު، ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ. އަދި މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުމުގެ އެލަވަންސްގެ ގޮތުގައި ކޮންމެ ބައިވެރިއަކަށް ދުވާލަކަށް 25 ޔޫރޯއަށްވާ ތުރުކީ ލީރާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބައިވެރިވާ ކޮންމެ ގްރޫޕެއްގައި ހުށަހެޅުންތެރިންނާއި، ފަންނީ މުވައްޒަފުން އަދި ޓެކްނިކަލް ސްޓާފުން ހިމެނޭހެން އެންމެ ގިނަވެގެން ބައިވެރިވެވޭނީ 20 މީހުންނަށެވެ. މިއަށްވުރެ މީހުން އިތުރުކުރެވޭނީ ކުރިން ލިޔުމުން ހުއްދަ ހޯދައިގެންނެވެ. މީގެ އިތުރުން ބައިވެރިވުން ކަށަވަރުވުމަށްފަހު، ތިއޭޓަރުން އަންގާ ތާރީޚެއްގައި ބާއްވާ ކޯޑިނޭޝަން ބައްދަލުވުމެއްގައި ބައިވެރިވުމަށް ކޮންމެ ގްރޫޕަކުން މަދުވެގެން ދެ މަންދޫބުން ކަނޑައަޅަންޖެހެއެވެ.
ފެސްޓިވަލަށް ހުށަހަޅާ ފޯމުތައް އިވެލުއޭޓްކުރާނީ ސެލެކްޝަން ކޮމިޓީންނެވެ. އަދި ހޮވޭ ފަރާތްތަކަށް އެކަން އެންގުމަށްފަހު، ޓެކްނިކަލް ތަފްޞީލުތަކާއި ހުށަހެޅުންތަކުގެ އިންތިޒާމުތައް މަޝްވަރާކޮށް ނިންމާނެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖެނުއަރީ 2027 ވާ އާދިއްތަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމާއި ސަޕޯޓިންގ މެޓީރިއަލްސް [email protected] އަށް މެއިލްކޮށް، ކޮޕީ [email protected] އަށް ފޮނުވުމަށް ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން އެދިވަޑައިގަންނަވައެވެ.