ޚަބަރު
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފި
މާލެއަށް ވާރޭ ވެހުނު ދުވަހެއް. ފޮޓޯ: ސަން/ ފިޔާޒް މޫސާ
ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
އެ އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ހަމައަށް މިއަދު ހެނދުނު 08:30 އިން ފެށިގެން 14:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
Alert white for heavy rain and thunderstorms with gusts of 35 mph. https://t.co/qjttirixNK
— Maldives Meteorology (@MetMaldives) November 29, 2026
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރެއެވެ. މެދުރާއްޖެތެރެއަށް އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 3 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
އޭގެ އިތުރުން އެ އޮފީހުން ބުނެފައިވަނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
މީގެ އިތުރުން މެޓްއޮފީހުން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މަހިބަދޫއަށެވެ. އެ ރަށަށް 23.3 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.