ޚަބަރު
އިންޑިޔާއާއެކު ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނަން: ޚާރިޖީ ވަޒީރު
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--
ދިވެހިރާއްޖެއަކީ، އަވަށްޓެރި ގައުމުތަކުގެ މެދުގައި އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމަށް އިސްކަންދޭ އިޚްލާޞްތެރި އެކުވެރިއެއް ކަމަށް ވިދާޅުވެ، ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި އިންޑިޔާއާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަރުވައިފިއެވެ.
މި ޔަޤީންކަން ދެއްވާފައިވަނީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ވަފުދުތަކުގެ އިސްވެރިން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ކުރެއްވި ޖަމާޢީ ޒިޔާރަތުގެ ތެރެއިން ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޚާރިޖީ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. އަދި އިންޑިއާއިން ޒަމާނުއްސުރެ ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެކުވެރިކަމާއި އެއްބާރުލުމަށް ޓަކައި، ޚާއްޞަކޮށް ދެ ޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް ބޮޑުވަޒީރު މޯދީ އިސްނަންގަވައިގެން ކުރައްވާ މަސައްކަތްޕުޅުތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
🌍 It was an honour to meet Honourable Prime Minister Shri Narendra Modi in New Delhi during a joint call by the Foreign Ministers and Heads of Delegation of IORA Member States. On behalf of President H.E. Dr Mohamed Muizzu, I reaffirmed that the Maldives remains a sincere friend and responsible partner, committed to good neighbourly relations founded on mutual respect, trust and understanding. I expressed appreciation for India’s longstanding friendship and support, particularly Prime Minister @narendramodi’s personal commitment to further strengthening the bonds of friendship between our two countries. We value our close partnership with India, based on mutual respect and sovereign equality. The Greater Malé Connectivity Project is a good example of what we can achieve together and reflects President Dr. @MMuizzu 's commitment to delivering tangible benefits to the Maldivian people. 🇲🇻🤝🇮🇳 @presidencymv @MoFAmv @MDVinINDIA @HCIMaldives
— Iruthisham Adam ( Iru) (@IruthishamAdam) November 28, 2026
މީގެއިތުރުން، ދެ ފަރާތުގެ މެދުގައި އޮންނަ އިޙްތިރާމާއި އިސްތިޤްލާލީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ގާތް ބައިވެރިކަމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަންކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދެ ޤައުމު ގުޅިގެން ހިންގާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ޤައުމު ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ހާސިލުކުރެވިދާނެ ކަމުގެ ރަނގަޅު މިސާލެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންނަށް ފެންނަން ހުރި ހެޔޮ ނަތީޖާތަކެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ މުހިންމު މަޝްރޫޢެއް ކަމަށެވެ.