ޚަބަރު
އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ތަމްރީނު ޕްރޮގްރާމްތައް ފަށައިފި
އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ތަމްރީނު ޕްރޮގްރާމް. ފޮޓޯ: ތަރިކައާ ބެހޭ ވުޒާރާ
އިޚްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫއުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އިއްޔެ ފެށި މި ތަމްރީނު ޕްރޮގްރާމަކީ މި މަޝްރޫއުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކަމަށްވާއިރު، މި ޕްރޮގްރާމްގައި އެ ވުޒާރާގެ އެކި އިދާރާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ތަމްރީނު ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ 2027 ވަނަ އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމީ މަޝްރޫއުގެ ތެރެއިން، 2027 ވަނަ އަހަރަށް ކަނޑައަޅާފައިވާ 24 ސިފައަށެވެ. އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި 24 ސިފަ ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަނީ އެ ވުޒާރާގެ ދަށުން ހިންގަމުން އަންނަ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ހަތަރު އިސްވާރުންނެވެ.
އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ތަމްރީނު ޕްރޮގްރާމުގެ ތެރެއިން. https://t.co/WXnA8Bjsx3
— Ministry of Arts, Culture and Heritage (@MoDLCH) November 28, 2026
މި ޕްރޮގްރާމްގެ މަސައްކަތްތައް ފަށާފައިވަނީ އިސްލާމީ އަދަބު އަހުލާގުގެ މުހިންމު ހަތް ސިފައަކަށް އިސްކަންދީގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވަގުތަށް ހުރުމަތްތެރިކޮށް ހިތުން
- އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވުމާއެކު ބައްދަލުކުރުން
- ސަލާމް ގޮވައިލުން އާދައަކަށް ހެދުން
- އޯގާތެރިކަމާއެކު މުއާމަލާތުކުރުން
- މީސްމީހުންގެ އަބުރު ގެއްލޭ ފަދަ ވާހަކަ ނުދެއްކުން
- ސިއްރު ހިފެހެއްޓުން
- މާފުކުރުމާއެކު ހިތްހެޔޮކަމާއެކު ވާހަކަ ދެއްކުން
މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.
އިޚްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއަކީ ނޮވެމްބަރު 14 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވާ މުހިންމު މަޝްރޫއެކެވެ.