ޚަބަރު
ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން އެންއެމްޑީސީއާއެކު މަޝްވަރާކޮށްފި
އެމްޓީސީސީން އެންއެމްޑީސީއާއެކު މަޝްވަރާކުރުން. ފޮޓޯ: އެމްޓީސީސީ
އެމްޓީސީސީ އަދި ޔޫއޭއީގެ ނެޝެނަލް މެރިން ޑްރެޖިންގ ކޮމްޕެނީ (އެންއެމްޑީސީ) ގްރޫޕާ ދެމެދު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ އެންއެމްޑީސީގެ އަބޫދާބީ ހެޑް އޮފީހުގައެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ދުބާއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ތާރިޤް އިބްރާހިމް، އެމްޓީސީސީގެ ޗެއަރޕާސަން ޝާދާ އިބްރާހިމް، މެނޭޖިންގ ޑިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އަދި އެމްޓީސީސީގެ އިސްވެރިންނެވެ. އެންއެމްޑީސީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ސީ.އީ.އޯ ނީލްސް ދެ ބްރައިން އަދި ކުންފުނީގެ އިސްވެރިންނެވެ.
މި ބައްދަލުވުމުގައި އެމްޓީސީސީ އަދި އެންއެމްޑީސީއާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ތަފާތު ދާއިރާތަކާއި، ދެ ކުންފުނީގެ ދެމެދުގައި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައެވެ. މިގޮތުން، ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން އިންވެސްޓް ކުރުމާއި، ޑްރެޖިންގ ސަޕޯޓް އަދި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މުވައްޒަފުންނަށް ތަމްރީނު ހޯދުމަށް ޓްރެއިނިންގ އަދި އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
މި މަޝްވަރާތަކަށް ރިޢާޔަތްކޮށް ދެފަރާތުގެ ދެމެދުގައި އެމް.އޯ.ޔޫ. އެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމަތި އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގެ 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.
އެމްޓީސީސީގެ އަމާޒަކީ ޙިކުމަތްތެރިކަމާއެކު ވިޔަފާރިތައް ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ކުރިއަށް ގެންދިއުމެވެ. އަދި ވޭތުވެދިޔަ 45 އަހަރު ކަސްޓަމަރުންނާއި ޙިއްޞާދާރުންނާއި ވިޔަފާރީގެ ބައިވެރިން އަދި ޢާންމު ރައްޔިތުން ކުރަމުން އައި އިތުބާރު ދެމެހެއްޓުމެވެ. 1980 ވަނަ އަހަރު އުފެދުނު މި ކުންފުންޏަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ.