ޚަބަރު
ހިންމަފުށީގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާއަޅައިފި
ހިންމަފުށީގައި ޤާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާއެޅުން. ފޮޓޯ: ވުޒާރާ
ކ. ހިންމަފުށީގައި ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ، ހިންމަފުށީގައި އެކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ތެރެއިންނެވެ. ފެސިލިޓިގެ ބިންގާ އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޛު އަޙްމަދު ޞިއްދީޤު އާއި އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ސާހީން އާދަމްގެ އިތުރުން ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރު އަނާރާ ނައީމްއެވެ.
މި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދުގެ އިތުރުން ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒުގެ އިތުރުން އެންޑީއޭގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ، 500 މީހުންނަށް އެއްފަހަރާ ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ އިމާރާތެއް ކަމަށްވާއިރު، މި މަޝްރޫއަށް 5 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢަށް ޚަރަދު ކުރަނީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ.

މި އިމާރާތުގެ ބޮޑުބައި އަޅަން ނިންމާފައި ވަނީ، މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތް ހުރި ހުސް ބިމުގައި ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އަލަށް ހަދާ މި ރިހެބިލިޓޭޝަން ސެންޓަރުގެ އިމާރާތުގައި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން އެކުލެވޭ ހެލްތް ފެސިލިޓީއަކާ، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތް ލިބެން ހުންނާނެކަން ވުޒާރާއިން ފާހަގަކުރައްވައެވެ.
ހިންމަފުށީގައި މިހާރު އިމާރާތަކީ 174 މީހުންނަަަަަށް ފަރުވާދެވޭ ފެސިލިޓީއަކަށް ވީނަމަވެސް، އިމާރާތް ބާވެ ހަލާކުވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.